ބ. ދަރަވަންދޫ ހޮސްޕިޓަލުގައި ޤާއިމްކުރާ އިމަޖަންސީ ސަރވިސަސް ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރާއެކު މިއަދު ސޮއިކޮށްފިއެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އެލް.އެފް ކޮންސްޓްރަކްޝަންއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު މިނިސްޓްރީ އޮފް ހެލްތުގައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއާއި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި، ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ދަރަވަންދޫ ހޮސްޕިޓަލްގައި، ކުއްލި ހާލަތުގައި ބޭނުންވާ ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ހިންގާ މި މަޝްރޫޢުއަށް އިންޑިއާ ސަރުކާރުން 7.5 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީއަށް ވަނީ ހަމަޖައްސަވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު ވަނީ އިމަޖަންސީ ސަރވިސަސް ޔުނިޓް ޤާއިމްކުރެވުމުން އެސަރަހައްދުގައި އަވަސް ފަރުވާގެ ނިޒާމް އިތުރަށް ހަރުދަނާވެ، ސިއްހީ ޚިދުމަތްތަކަށް ކުރަން ޖެހޭ ޚަރަދު އިތުރަށް ކުޑަވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ކާރިސާގެ ވަގުތުތަކުގައިވެސް އަވަސް ފަރުވާއަށް ވާސިލްވުމަށް ހޭދަކުރަން ޖެހޭ ވަގުތު ކުޑަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢަށް ޚަރަދުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާންކުރެއްވި، ރާއްޖެއަށް އިންޑިއާއިން ދިން 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ.