ބަޔާންތައް

ނޫސްބަޔާން

ދުވަހު އޮންލައިން ނޫހެއް ކަމަށްވާ ދިޔަރެސްގައި 7 ސެޕްޓެމްބަރު 2023 ވަނަ ދުވަހު 'އިންޑިއާގެ ފޮރިން މިނިސްޓަރުގެ ސިޓީއެއް: ފިއްކަނޑައިގެންދާ ފަދަ ބިރުވެރި އެތައް ކަމެއް!' މި ސުރުޚީގެ ދަށުން ޝާއިޢު ކޮށްފައިވާ ހަބަރުގައި އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ފޮނުވާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުކުރަމުންދާ ސިޓީއެއް މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.  

މިހާރު ދައުރުކުރަމުން ދާ ސިޓީއަކީ މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއް ނޫންކަމާއި، އަދި ގައުމެއްގެ އިސް ވެރިއެއްގެ ސޮއި ފޯޖްކޮށް، ހަދާފައިވާ ސިޓީއެކެވެ. އަދި މި ފަދަ އަމަލުތަކުގެ ސަބަބުން ގައުމުތަކާއެކު އޮންނަ ދޭދޭ ގުޅުމަށް ބުރޫއަރައި ދިވެހިރާއްޖޭގެ އަގު ބައިނަލް އަގްވާމީ މުޖުތަމައުގައި ވެއްޓި، ދިވެހިރާއްޖެއަށްކުރާ އިޙްތިރާމް ހީނަރުވާނެ ކަމެއް ކަމުގައި މިނިސްޓްރީން ދެކެމެވެ. އަދި އެއްވެސް އަސާސެއް ނެތް ގޮތުގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ލިޔެކިޔުންތައް ފޯޖްކޮށްގެން މި ކުރެވެމުންދާ ކަންކަން އެންމެ ހަރުކަށި އިބާރާތުން މިނިސްޓްރީން ކުށްވެރި ކުރަމެވެ.

މިފުރުޞަތުގައި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އަދި ނޫސްވެރިކަމުގެ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށް ޒިންމާދާރުކަމާއެކު ޢަމަލުކުރުމަށް ނޫސްވެރިންނަށް މިނިސްޓްރީން އިލްތިމާސްކުރަމެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960