ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ސުންނާފަތިކަމާއި ގެއްލުމާގުޅިގެން, 26 ޖޫން 1945ގައި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އ.ދ.) އުފެއްދުނެވެ. އ.ދ. އުފައްދާފައިވަނީ ދެ ބޮޑު ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން, ބައިނަލްއަޤުވާމީ ޞުލްޙައާއި ސަލާމަތް ބެލެހެއްޓުމުގެ މަޤުޞަދުގައެވެ. އ.ދ. އުފަން ކުރުވި އެއްބަސްވުމަށް ކިއަނީ ދަ ޗާޓަރ އޮފް ދަ ޔުނައިޓެޑް ނޭޝަންސް (އ.ދ.ގެ ޗާޓަރު) އެވެ. އ.ދ. އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރި ޤައުމުތަކުން މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓަނޭޝަނަލް އޯގަނައިޒޭޝަންސް ބައްދަލުވުން ނިންމުމަށްފަހު އެމެރިކާގެ ސެން ފްރެންސިސްކޯގައި 26 ޖޫން 1945ގަ އެވެ. އަދި މިއެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ 24 އޮކްޓޯބަރ 1945ގަ އެވެ. މިއާ ވިދިގެން, ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 24ވަނަ ދުވަސް ފާހަގަކުރަނީ ޔޫ.އެން. ޑޭ (އ.ދ. ދުވަސް)ގެ ގޮތުގައެވެ. މިއަދާ ހަމައަށް އައި އިރު, 193 މެމްބަރު ޤައުމަކުން ވަނީ އ.ދ.ގެ ޗާޓަރުގައި ސޮއިކޮށް, އ.ދ.ގެ މެމްބަރު ޤައުމަކަށް ވެފައެވެ. އ.ދ.ގެ މައި ގުނަވަންތަކަކީ ޖެނެރަލް އެސެމްބްލީ (ޢާއްމު މަޖިލީސް)އާއި ސެކިއުރިޓީ ކައުންސިލް (ސަލާމަތީ މަޖިލީސް)އާއި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިޤްތިޞާދީ އަދި އިޖްތިމާޢީ މަޖިލިސް [އިކޯސޮކް])އާއި ޓްރަސްޓީޝިޕް ކައުންސިލާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އާއި އ.ދ.ގެ ސެކްރިޓޭރިއެޓް އެވެ.
އ.ދ.ގެ ޢާއްމު މަޖިލިސް ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުން ޖެހިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ކުރިއަށް ދެއެވެ. މިމަޖިލީހުގެ ކޮންމެ ސެޝަނެއްގެ ރިޔާސަތު ބެލެހެއްޓުމަށްޓަކައި މެމްބަރު ޤައުމުތަކުގެ ތެރެއިން ރައީސް އެއް އިންތިޚާބު ކުރެއެވެ. މިހާރު ކުރިއަށްދާ ޢާއްމު މަޖިލީހުގެ 77ވަނަ ސެޝަނުގެ ރައީސް އަކީ ޗާބާ ކޮރޯސީ އެވެ.
ދުވަހުން ދުވަހަށް އ.ދ.އިން ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުން އ.ދ.ގެ ސެކްރިޓޭރިއެޓް އިންނެވެ. މިހާރު އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވީ އެންޓޯނިއޯ ގުޓަރެސް އެވެ. އ.ދ.ގެ މައި އިދާރާ ހުންނަނީ ނިއު ޔޯކުގައެވެ. މީގެ އިތުރުން އ.ދ.ގެ މައި އޮފީސްތައް ޖެނީވާ, ވިއެނާ އަދި ނައިރޯބީގައި ޤާއިމުކޮށްފައި ހުރެއެވެ.
އ.ދ.ގައި ދިވެހިރާއްޖެ
ދިވެހިރާއްޖެއިން އ.ދ.ގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވަނީ 21 އޮގަސްޓް 1965ގައެވެ. އެއީ 26 ޖުލައި 1965ގައި ދިވެހިރާއްޖެ މިނިވަންވިތާ ބަރާބަރު 25 ދުވަސް ފަހުންނެވެ. އ.ދ.ގެ މެމްބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އެޖަމިއްޔާއިން ބަލައިގަތީ 21 ސެޕްޓެމްބަރ 1965ގައެވެ.
އ.ދ.ގެ މެމްބަރު ޤައުމަކަށް ވުމަށް ދިވެހިރާއްޖެއިން އެދުނު އިރު, އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ތިބި މެމްބަރުން ވަނީ "އާދަޔާ ޚިލާފަށް ކުޑަ ޤައުމުތަކަށް" އ.ދ.ގެ ޗާޓަރުގައިވާ ކަންކަން ތަންފީޒުކުރެވޭނެ ކަމާމެދު ސުވާލު އުފައްދާފައެވެ.
އެހެންނަމަވެސް, ދިވެހިރާއްޖެއިން އ.ދ.ގެ މެމްބަރު ޤައުމަކަށް ވުމަށްފަހު ފާއިތުވި ފަންސާހަށް ވުރެ ގިނަ އަހަރު ތެރޭގައި ރާއްޖެއިން ވަނީ ކުދި ޤައުމުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި މިންތީގެ ހަމަހަމަކަން ފަދަ ދާއިރާތަކުން އ.ދ.ގައި ގިނަ މަސައްކަތްތަކެއް ކޮށް ވަކާލާތުކޮށްފައެވެ. މިމަސައްކަތްތައް ރާއްޖެއިން ކޮށްފައިވަނީ އ.ދ.ގެ ޗާޓަރުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ވެސް ރާއްޖެއިން އަންނަނީ އ.ދ.ގައި ޙަރަކާތްތެރި ދައުރެއް އަދާކުރަމުންނެވެ. އ.ދ.ގެ ޢާއްމު މަޖިލީހުގެ ހައި-ލެވެލް ވީކްގައި ޙަރަކާތްތެރިކަމާއެކު ރާއްޖެއިން ބައިވެރިވެއެވެ. ޢާއްމު މަޖިލީހާއި އެމަޖިލީހުގެ ކޮމިޓީތަކުގައި ބަޔާންތައް އިއްވުމުގެ އިތުރުން ރާއްޖެއަށް މުހިއްމު އަދި ޙައްސާސް މައްސަލަތަކުގައި އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ވެސް ރާއްޖެއިން ބަޔާން އިއްވައެވެ.
އ.ދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ސެޝަނުގެ ރިޔާސަތު, "ޕްރެޒިޑެންސީ އޮފް ހޯޕް"ގެ ޝިޢާރުގެ ދަށުން ބެލެހެއްޓެވީ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު އެވެ. އ.ދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ސެޝަނުގައި ރާއްޖޭގެ ވަފުދުން ވަނީ ކޮންމެ އަހަރެއްގެ 24 ޖޫން އަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރެވޭ އިންޓަނޭޝަނަލް ވިމަން އިން ޑިޕްލޮމަސީ ޑޭގެ ގޮތުގައި ކަނޑައެޅުމަށް ރިޒޮލިއުޝަނެއް ހުށަހަޅާފައެވެ. މިރިޒޮލިއުޝަން ފާސްވެފައިވަނީ އާދަޔާޚިލާފަށް ބޮޑު ތާއީދަކާ އެއްކޮށް 191 ކޯ-ސްޕޮންސަރުންނާއި 85 މެއިން ސްޕޮންސަރުންގެ ސޮޔާއެއްކޮށެވެ.
މީގެއިތުރުން, ދިވެހިރާއްޖެއިން އަންނަނީ ކޮންމެ އަހަރަކުވެސް ތައިލެންޑުގެ ބެންކޮކުގައި ބާއްވާ ޔުނައިޓެޑް ނޭޝަންސް އޮކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫ.އެން. އެސްކެޕް) ގެ ކޮމިޝަން ސެޝަންތަކުގައި ވެސް ޙަރަކާތްތެރިކަމާއެކު ބައިވެރިވަމުންނެވެ.
ދިވެހިރާއްޖޭގައި އ.ދ.
ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އ.ދ.ގެ ކަންޓްރީ ޓީމް (ޔޫ.އެން.ސީ.ޓީ)ގެ މަސައްކަތްތައް ވިލަރެސްކުރަނީ ޔުނައިޓެޑް ނޭޝަންސް ރެޒިޑަންޓް ކޯޑިނޭޓަރސް އޮފީސް (ޔޫ.އެން.އާރް.ސީ.އޯ) އިންނެވެ. ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަކީ ކެތަރިން ހެސްވެލް އެވެ.
އ.ދ.ގެ ކަންޓްރީ ޓީމުން އަންނަނީ ދިވެހިރާއްޖޭގެ ސަރުކާރާ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވޯކް (ޔޫ.އެން.އެސް.ޑީ.ސީ.އެފް)ގެ ދަށުން މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގައި ތިބޭ އ.ދ.ގެ ކަންޓްރީ ޓީމްގެ ދަށުން މަސައްކަތްކުރާ އ.ދ.ގެ އެންޓިޓީތަކަކީ:
1. ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޕްރޮޖެކްޓް ސާވިސަސް (ޔުނޮޕްސް)
2. ވޯލްޑް ބޭންކް
3. ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)
4. ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ)
5. ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)
6. ދަ ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް, ސައިންޓެފިކް އެންޑް ކަލްޗުރަލް އޮގަނައިޒޭޝަން (ޔުނެސްކޯ)
7. ދަ ޔުނައިޓެޑް ނޭޝަންސް އޮކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫ.އެން އެސްކެޕް)
8. ވޯލްޑް ހެލްތު އޯގަނައިޒޭޝަން
9. ޔުނައިޓެޑް ނޭޝަނަސް ހައި ކޮމިޝަނަރ ފޯ ރެފިއުޖީސް (ޔޫ.އެން.އެޗް.ސީ.އާރު)
10. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންސް (އައި.އޯ.އެމް)
11. ޔުނައިޓެޑް ނޭޝަނަސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ)
12. ދަ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗުރަލް ޑިވެލޮޕްމަންޓް (އައި.އެފް.އޭ.ޑީ)
13. ދަ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ)
14. ފުޑް އެންޑް އެގްރިކަލްޗުރަލް އޮގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް (އެފް.އޭ.އޯ)