ފޮސިމް

ދިވެހި ޚާރިޖިއްޔާގައި ޕްރޮފެޝަނަލް ޚިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ތަމްރީނުކުރުމުގެ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖެއަކީ މިހާރު ބޭރުދުނިޔެއާ އެތައްގޮތަކުން ގުޅި، ލާމެހިފައިވާ ޤައުމަކަށްވެފައި، ދުނިޔޭގެ ސިޔާސީ މައިދާނުގައި ދިވެހިރާއްޖެ އަދާކުރާ ދައުރު ދުވަހެއް ދުވަހަކަށް ފުޅާވަމުންދާއިރު، އެދައުރު ހަރުދަނާކަމާއި ސާބިތުކަމާއެކު އަދާކޮށް، ރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި، ރާއްޖޭގެ ޤަދަރާއި ކަރާމާތް ޙިމާޔަތްކޮށް ކުރިއެރުވޭނީ، އެކަންކަން ކުރުމަށް ބޭނުންވާ ޚާއްސަ ތަމުރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް، ވަކި ކޭޑަރެއް އޮވެގެންނެވެ. އަދި މިވަގުތު ދިވެހި ސިވިލް ސާރވިސްގެ އޮނިގަނޑުގެ ތެރޭގައި، ޚާރިޖިއްޔާއަށް މީހުން ލެއްވުމާއި، މީހުންނަށް ބޭނުންވާ ޚާއްސަ ތަމުރީނު ދިނުމާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭނެ މައްސަލަތަކުގެ ތަޖުރިބާތައް، ދިވެހި ޚާރިޖިއްޔާގައި ޖަމާވާނޭހެން މުވައްޒަފުން ގެންގުޅުމުގެ ނިޒާމު ބައްޓަންކުރުމަށް އޮންނަ ފުރުސަތު ހަނިވުމުގެ ސަބަބުން، ޚާރިޖީ ސިޔާސަތު ހިންގުމަށްޓަކައި ބޭނުންވާ ފެންވަރުގެ ހުނަރާއި ގާބިލުކަން ހުރި، ނުވަތަ އެފަދަ ހުނަރު ތަރައްގީ ކުރެވިދާނެފަދަ މީހުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވާތީވެ، ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ޚާއްސަ ތަމްރީނާއި ހުނަރު އެ މުވައްޒަފުންނަށްދީ، ތަރައްޤީކުރުމަށްޓަކައި "ދަ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް"ގެ ނަމުގައި ޓްރެއިނިންގ މަރުކަޒެއް އުފެއްދުމަށް ނިންމާ، ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މި ޓްރެއިނިންގ މަރުކަޒު އުފައްދަވާފައިވަނީ 16 ޖަނަވަރި 2014 ވަނަ ދުވަހު އެވެ.

އެހެންކަމުން، ދަ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އިދާރި އޮނިގަނޑުގެ ތެރެއިން ޤާއިމްކޮށްފައިވާ،  ޚާރިޖީ ދާއިރާގެ ސިޔާސަތުތައް ދިރާސާކޮށް ޚާރިޖިއްޔާއަށް ބޭނުންވާނެ ޚާއްސަ ތަމްރީން ދޭމަރުކަޒެވެ. މި މަރުކަޒުން އިލްމީ ގޮތުންނާއި ރާއްޖެއަށް މުހިއްމު ޚާރިޖީ ސިޔާސަތުތައް ހެއްކާއި ޤަރީނާގެ އެހީގައި މުރާޖަޢާކޮށް ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެހީތެރިވެދިނުމަކީވެސް މި އިންސްޓިޓިއުޓްގެ އެއް މަޤްޞަދެވެ.

 

މަޤްސަދު

މި އިންސްޓިޓިއުޓްގެ  މައިގަނޑު މަޤްސަދަކީ ޚާރިޖީ ސިޔާސަތުތައް ދިރާސާކުރުމަށް ޤާބިލްކަން ލިބިފައިވާ ތަނަކަށްވުމާއި، ޚާރިޖީ ދާއިރާގެ މީހުން ބިނާ ކުރުމާއި އަދި  ޚާރިޖީ ދާއިރާގެ ތަޢުލީމީ ފްރޮގްރާމްތައް ހިންގުމެވެ.

 

 އިންސްޓިޓިއުޓް ރަޖިސްޓްރީކުރުން

ދިވެހި ޚާރިޖިއްޔާގައި ޕްރޮފެޝަނަލް ޚިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ތަމްރީން ކުރުމަށާއި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އުފައްދަވާފައިވާ މި އިންސްޓިޓިއުޓް ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓްރީކުރެވިފައިވަނީ 7 ސެޕްޓެމްބަރ 2014 ގައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960