ޚަބަރު

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 55 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވަނީ

Ref: 2024/PR/52

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 55 ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ. މި ސެޝަން ފެށިގެންދާނީ، 26 ފެބްރުއަރީ އިން 28 ފެބްރުއަރީ 2024 ގެ ނިޔަލަށް ކުރިއަށްގެންދާ ހައިލެވެލް ސެގްމަންޓަކާއެކުއެވެ. ހައިލެވެލް ސެގްމަންޓަށް ފަހު އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 55 ވަނަ ސެޝަންގެ ޖެނެރަލް ސެގްމަންޓް ކުރިއަށް ދާނީ 28 ފެބްރުއަރީ 2024 އިން 5 އޭޕްރީލް 2024 ގެ ނިޔަލަށެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފްދުގެ އިސްވެރިއަކަށް ބައިވެރިވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު އެވެ. އަދި އެކަމަނާ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ހައި ލެވަލް ސެޝަންގައި މާދަމާ ތަޤްރީރު ކުރައްވާނެއެވެ. ސްޓޭޓް މިނިސްޓަރ ޝެރީނާގެ ތަޤުރީރުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިންސާނީ ޙައްޤުތަކާއި ތިމާވެށި ރައްކާކުރުމާއި ހެޔޮވެރިކަމެއް ޤާއިމުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާނެއެވެ. އެކަމަނާ ގެ ވާހަކަފުޅުގައި، ސަރުކާރުން މިހާރު ކުރިއަށްގެންދާ ލެޖިސްލޭޓިވް އެޖެންޑާއާއި ސަރުކާރުން ހޯއްދަވާފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މަސްއޫލިއްޔަތުތައް އަދާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންސާނީ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ސްޓޭޓް މިނިސްޓަރ ޝެރީނާ ދެއްވާނެއެވެ. މީގެ އިތުރުން، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ބިންތަކުގައި ދިރުއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާ ގުޅޭގޮތުން ޖެނީވާގައި ހުންނަ ފަލަސްތީނުގެ ދާއިމީ އޮބްސަރވަރ މިޝަންއިން އިންތިޒާމުކޮށްގެން ބާއްވާ މިނިސްޓަރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި އެކަމަނާ ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވާނެއެވެ.

ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ މައްޗަށް ބިނާކޮށް، އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ ސެޝަންގެ އެކި އެޖެންޑާގެ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވާ ވަފުދުން ތަޤުރީރުކުރައްވާނެއެވެ. ޖެނީވާގައި ހުންނަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤަޢުމުތަކުގެ ގްރޫޕްގެ ފަރާތުން ފަންނީ އެހިތެރިކަމާ ގުޅޭ "ޖޮއިންޓް ސްޓޭޓްމަންޓެއް" ވެސް ދިވެހިރާއްޖެއިން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރާއްޖެއާއި އިތުރު 4 ޤައުމެއް އިސްނަގައިގެން ހުށަހަޅާ، ރައިޓް ޓު އަ ކްލީން، ހެލްތީ އެންޑް ސަސްޓެއިނަބަލް އެންވަޔަރަމަންޓް އާ ގުޅޭ ޤަރާރު މި ސެޝަންގައި ހުށަހަޅާނެއެވެ.

އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 55 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު އެވެ. އަދި، ވަފުދުގައި ހިމެނިވަޑައިގަންނަވާނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއިން ޝާޛޭ ޑެ ފެއާ ޑރ. ސަލްމާ ރަޝީދު، ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ފަސްޓް

ސެކްރެޓަރީ އަލްފާޟިލާ ފާތިމަތު ރަޒާނާ، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ މަރިޔަމް ފާތިކާ ފަޔާޟް، އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދު އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޑެސްކް އޮފިސަރ އަލްފާޟިލާ ފާތިން ޝޫރާ ޙަލީމްއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960