Ref: 2024/PR/59
އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާ ކުރުމަށް ދިވެހިރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ގޮވާލައިފިއެވެ. ދިވެހިރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ، އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމަ ވަގުތުން ހުއްޓާ ލުމާ ގުޅޭގޮތުން އ.ދ. އާންމު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ދިވެހިރާއްޖޭގެ ފަރާތުން ޝާޒޭ ދެ ފެއާ އެމްބެސެޑަރ ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ދެއްކެވި ވާހަކަ ފުޅު ގައެވެ.
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވައިލުމަށް ލާޒިމު ކޮށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު 20 ފެބްރުއަރީ ގައި ވީޓޯ ކުރުމާ ގުޅިގެން އެ މައްސަލަ ބަހުސް ކުރުމަށް އ.ދ. ގެ އާންމު މަޖިލީހުގައި ބޭއްވި ބައްދަލު ވުމުގައި ވާހަކަ ފުޅު ދައްކަވަމުން ޝާޒޭ ދެ ފެއާ އެމްބެސެޑަރ ޑޮކްޓަރ އަލީ ނަސީރު މުހައްމަދުގެ ވިދާޅުވީ އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބޭނުންކުރުމުގެ ސަބަބުން އިސްރާއީލުން ހިންގާ އަމަލުތައް ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި 29 ފެބްރުއަރީގައި ހިނގާ ދިޔަ ހާދިސާގައި އިސްރާއީލުން ފަލަސްތީނުގެ ސަތޭކައަށް ވުރެ ގިނަ ރައްޔިތުން މަރާލައި، ޒަޚަމް ކޮށްފައިވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ފެނާއި ކާބޯތަކެތި އަދި އަސާސީ ބޭނުންތަކުން މަޙްރޫމް ކުރުމަށް ފަހު އިސްރާއީލުން އެ މީހުން މަރަމުން ގެންދިއުމަށް ހުއްޓުމެއް ނުގެނެވުމަކީ މުޅި ދުނިޔެ އެކަމާ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ޝާޒޭ ދެ ފެއާ އެމްބެސެޑަރ ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ގެ ވާހަކަ ފުޅުގައި އަލިއަޅުވާލެއްވިއެވެ.
ޝާޒޭ ދެ ފެއާ އެމްބެސެޑަރ ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ގެ ވާހަކަފުޅުގައި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިނގަމުންދާ ޖެނޮސައިޑް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލެއްވިއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވައި ޖަވާބުދާރީކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލެއްވިއެވެ.