ޚަބަރު

ފަލަސްތީނުގެ ޙައްޤުގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ދިވެހިރާއްޖެއިން ބަޔާން ދިނުމާގުޅޭ

Ref: 2024/PR/52

އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި ޢަމަލުކުރަމުންދާ އިސްރާއީލުގެ ސިޔާސަތުތަކާއި ހަމަތަކުން އުފެދޭ ޤާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފަޔަކަށް އެދި އ.ދ. ގެ ޢާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން މިއަދު އެ ކޯޓަށް ހާޒިރުވެ ބަޔާނެއް ދީފިއެވެ.

މިއީ، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކާ ގުޅިގެން އުފެދޭ ޤާނޫނީ ބައެއް ސުވާލުތަކާ ގުޅޭގޮތުން، އައި.ސީ.ޖޭ. ގެ ސްޓެޓިއުޓްގެ 65 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އެ ކޯޓުގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށް އެދި އ.ދ. ގެ 77 ވަނަ ޢާންމު މަޖިލީހުގެ 247/77 ވަނަ ޤަރާރުގެ ދަށުން ހުށަހަޅާފައިވާ މައްސަލައެކެވެ.  އައި.ސީ.ޖޭ. ގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށް އ.ދ. ގެ ޢާންމު މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި، އެކަން ކުރުމުގެ ބާރުު އ.ދ. ގެ ޗާޓަރުގެ 96 ވަނަ މާއްދާއިން އެ މަޖިލީހަށް ލިބިދީފައިވެއެވެ.

މިމައްސަލައިގައި ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން، ދިވެހިރާއްޖެއިން ވަނީ އައި.ސީ.ޖޭ. ގައި މިހާރު ކުރިއަށްދާ އެޑްވައިޒަރީ ޕްރޮސީޑިންގސް އަށް 25 ޖުލައި 2023 ވަނަ ދުވަހު ލިޔުމުން ބަޔާނެއް ހުށަހަޅާފައެވެ. އެ ޕްރޮސީޑިންގސް އަށް ލިޔުމުން ބަޔާން ހުށަހެޅި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ވަނީ، އެ ޕްރޮސީޑިންގސް އާ ގުޅިގެން މިހާރު އައި.ސީ.ޖޭ. ގައި ކުރިއަށްދާ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާން ހުށަހެޅުމުގެ ފުރުޞަތު ދީފައެވެ.

އެގޮތުން އައި.ސީ.ޖޭ. ގައި މިއަދު ބޭއްވުނު އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްޞީލު ކުރައްވަމުން، ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ޢާއިޝަތު ޝާން ޝާކިރު ވިދާޅުވެފައިވަނީ، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްތީނުގައި ޤާއިމުކުރުން ހިމެނޭހެން ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ތާއީދުކުރުމަކީ، ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިންމު އެއް ބިންގާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މިސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ މުހިންމު ސިޔާސަތެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ. އަދި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، އެ ޤައުމު އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުމަކީ މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލުކަމަށް މިއަދުގެ އަޑުއެހުމުގައި ދިވެހިރާއްޖެއިން ވަނީ ތަކުރާރުކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި އިނގިރޭސިވިލާތާއި ވޭލްސްގެ ބާގެ މެންބަރުންކަމުގައިވާ އެސެކްސް ކޯޓް ޗޭމްބަރސްގެ ބައިނަލްއަޤުވާމީ ވަކީލުން، މިސް އޭމީ ސޭންޑަރ އަދި ޑޮކްޓަރ ނައޯމީ ހާޓްވެސް ވަނީ ދިވެހިރާއްޖެ ތަމްޞީލު ކުރައްވައި ބަޔާން ހުށަހަޅުއްވާފައެވެ. ދިވެހިރާއްޖެ ތަމްޞީލު ކުރައްވައި އެބޭފުޅުން ހުށަހެޅުއްވި ބަޔާނުގައި އަލިއަޅުއްވާލައްވާފައިވަނީ، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ އެކިއެކި ސީރިއަސް ޢަމަލުތަކަށާއި، ވަކިން ޚާއްޞަކޮށް ފެނުގެ ވަޞީލަތްތަކާ ގުޅޭގޮތުން ޢަމަލުކުރަމުންދާ ގޮތަށާއި، އ.ދ. ގެ ޢާންމު މަޖިލީހުން އައި.ސީ.ޖޭ. އަށް ކުރިމަތިކޮށްފައިވާ ދެ ސުވާލުގެ ޖަވާބަށެވެ. އަދި ހަމައެއާއެކު ދިވެހިރާއްޖެއިން ވަނީ، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ތަންފީޛުކުރަމުންދާ ސިޔާސަތުތަކާއި ޢަމަލުކުރަމުންދާ އުސޫލުތަކަކީ 'އެޕާތައިޑް' އެއް ކަމަށް ސިފަކޮށް، އެފަދައިން ޤަބޫލުކުރާ އެހެން ގިނަ ޤައުމުތަކާ ގުޅިފައެވެ.

މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްތީނުގައި ޤާއިމުކުރުން ހިމެނޭހެން ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ 'ޖެނޮސައިޑް' ގެ ޢަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ގޮވާލުމުގައި، އަދި ބައިނަލްއަޤްވާމީ ކޯޓުތަކާއި ފޯރަމްތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ. 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960