އެޓެސްޓު ކުރުމުގެ ޚިދުމަތް

އެޓެސްޓޭޝަންގެ ޚިދުމަތް

 

ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު

މިނިސްޓްރީގެ އެޓެސްޓޭޝަން އެޕްލިކޭޝަން ފޯމާއެކު އެޓެސްޓްކުރެއްވުމަށް ބޭނުންފުޅުވާ ލިޔެކިޔުންތައް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 0800 – 1400 އާއި ދެމެދު މިނިސްޓްރީގެ .ކޮންސިއުލަރ ކައުންޓަރަށް ހުށަހެޅުއްވުމުން އެޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެއެވެ

އެޓެސްޓޭޝަންގެ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

 

ޝަރުތު:
މިނިސްޓްރީގެ އެޓެސްޓޭޝަން ޚިދުމަތުގެ ދަށުން ބޭނުންކުރެވޭނީ 3 ތައްގަނޑެކެވެ. މި ތައްގަނޑުތައް ޖަހައިދެވޭ ލިޔެކިޔުންތަކާއި، ޞައްޙަކަން ބެލުމުގައި ގެންގުޅޭ މިންގަޑުތަކަކީ:

 

އެޓެސްޓް ކުރުން

  • އެޓެސްޓުކޮށްދެވޭނީ ރާއްޖެއިން ބޭރުން ހޯދާ ޚިދުމަތަކާ ގުޅިގެން ހުށަހަޅަންޖެހޭ ޕަވަރ އޮފް އެޓަރނީއެއް ނުވަތަ ބަޔާނެއް، ނުވަތަ ވަޒީފާގެ އެއްބަސްވުމާއި އެފަދަ ލިޔުންތަކެވެ.
  • އެޓެސްޓްކުރުމަށް ހުށައަޅާ ލިޔުމަކީ ރާއްޖެއިން ބޭރުގައި ހިނގާ ޝަރީޢަތަކާ ގުޅިގެން ނުވަތަ، ޝަރުޢީ އެއްވެސް ކަމަކާ ގުޅިގެން ނުވަތަ ފައިސާގެ މުޢާމަލާތަކާ ގުޅިގެން ހުށައަޅާ ލިޔުމަކަށް ވެގެން ނުވާނެއެވެ. މިގޮތުން އެޓެސްޓްކުރަން ހުށައަޅާ ލިޔުމަކަށް ބެލުމަށްފަހު، އެޓެސްޓްކޮށްދިނުމާއި ނުދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
  • ޕަވަރ އޮފް އެޓާރނީ ތަކުގައި، އަދި އަމިއްލަ ކުންފުނިތަކުގެ އެގްރީމެންޓް ފަދަ ލިޔެކިޔުންތައް އެޓެސްޓް ކޮށްދެވޭނީ ޕަބްލިކް ނޮޓަރީއަކުން ނޮޓަރައިޒް ކުރުމަށް ފަހު ހުށަހެޅުމުންނެވެ.

 

އޯތެންޓިކޭޓް ކުރުން

  • އޯތެންޓިކޭޓް ކުރެވޭނީ  ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިހުންނަ ލިޔެކިޔުމެވެ. މީގެ ތެރޭގައި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ދޫކޮށްފައި ހުންނަ ލިޔުންތަކާއި، ރެޖިސްޓްރޭޝަނާއި، ވަރި ކާވެނި އަދި އުފަންދުވަހުގެ ސެޓްފިކޭޓް ގެ އަޞްލާއި، އެ ލިޔުމެއް ދޫކުރި އިދާރާއަކުން ދޫކޮށްފައި ހުންނަ ސެޓިފައިޑް ކޮޕީ ހިމެނެއެވެ.
  • އޯތެންޓިކޭޓް ކުރުމަށް ހުށައަޅާ ލިޔުމެއްގައި، އެ ލިޔުމެއް ދޫކުރި ދައުލަތުގެ އިދާރާގެ ތައްގަނޑު ޖަހައި، އެ ލިޔުމުގައި ސޮއިކުރުމުގެ ހުއްދަ އޮންނަ ފަރާތެއްގެ ސޮޔާއެކު ނަމާއި މަޤާމު އެނގެން އޮންނަންވާނެއެވެ.
  • ބޭންކް ސްޓޭޓްމަންޓް ފަދަ މާލީ ލިޔެކިޔުންތަށް އޯތެންޓިކޭޓް ކުރެވޭނީ އެލިޔުން ދޫކުރި އިދާރާއަކުން ސްޓޭމްޕް ކޮށްފައި އޮންނަ އެ ލިޔުމުގެ އަޞްލުގައެވެ.

 

ޓްރޫ ކޮޕީ އޮފް ދަ އޮރިޖިނަލް

  • އަޞްލާއެއްގޮތްކަމުގެ ތައްގަނޑު ނުވަތަ "ޓްރޫ ކޮޕީ އޮފް ދަ އޮރިޖިނަލް" ޖަހައިދެވޭނީ ދައުލަތުގެ އިދާރާއަކުން ދޫކޮށްފައި ހުންނަ ލިޔެކިޔުމުގެ ކޮޕީ ގައެވެ. މީގެ ތެރޭގައި ޕާސްޕޯޓާއި އައިޑީ ކާޑާއި، ރެޖިސްޓްރޭޝަނާއި، ވަރި ކާވެނީގެ ސެޓްފިކެޓާއި، އުފަން ދުވަހުގެ ސެޓްފިކޭޓާއި، ތަޢުލީމީ ސެޓްފިކޭޓާއި އެ ބާވަތުގެ ލިޔެކިޔުމުގެ ކޮޕީ ހިމެނެއެވެ.
  • އަޞްލާއެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ހުށަހަޅުއްވާނަމަ، އެފަދަ ކޮންމެ ލިޔުމެއްގެ އޮރިޖިނަލް ހުށައަޅުއްވަން ވާނެއެވެ. ނުވަތަ އެ ލިޔުމެއް ދޫކުރި އިދާރާއަކުން އެ ލިޔުމުގެ ސެޓިފައިޑް ކޮޕީއެއް ހުށައަޅުއްވަން ވާނެއެވެ. ހަމައެކަނި ލިޔުމެއްގެ ކޮޕީއެއް ހުށައަޅުއްވާނަމަ،  ތައްގަނޑު ޖަހައިދެވޭނީ އެލިޔުމެއް ދޫކުރެއްވި ދަޢުލަތުގެ އިދާރާއަކުން އޭގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހުގައެވެ.
  • އަޞްލާއެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ހުށައަޅާ ލިޔުމެއްގެ ބާވަތަށް ބަލައި އިތުރަށް ކަށަވަރުކުރަންޖެހޭނަމަ، އެކަމަށް އެދި ހުށައަޅާއިރު، އެ ލިޔުމެއްދޫކުރި އިދާރާގެ ބެލެނިވެރި ވުޒާރާއެއްގެ ނުވަތަ މުއައްސަސާއެއްގެ ތައްގަނޑު ޖަހައި ހުއްދަ އޮންނަ ފަރާތެއް ސޮއިކޮށް ނަމާއި މަޤާމު އެނގޭނެހެން ހުށައެޅުމަށް އެންގުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
 
ޚިދުމަތަށް އެދެވޭނީ ކާކަށް؟
  • ދިވެހި ރައްޔިތުން
  • ބިދޭސީން
  • ވިޔަފާރިތައް
 
ޚިދުމަތަށް އެދެވޭނީ ކޮންތާކުން؟

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

 
އިސްތިސްނާ ވާ ކަންތައްތައް

އެހެން ގައުމަކުން ދޫކުރާ ލިޔުމެއްގައި މިނިސްޓްރީއަކުން ތައްގަނޑެއް ޖަހައެއް ނުދެވޭނެއެވެ. ނަމަވެސް، ބޭރު ގައުމުތަކުން ހޯދާފައި ހުންނަ ތަޢުލީމީ ސެޓްފިކެޓްތައް މީގެ ތެރޭގައި ނުހިމެނެއެވެ.

 
ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

އެޓެސްޓޭޝަން ފޯމް އަދި އެޓެސްޓް ކުރުމަށް ބޭނުންވާ ޑޮކިއުމެންޓްތައް

 
ޚިދުމަތް ހޯދުމަށް ފީ އެއް ދައްކަންޖެހޭނަމަ، ފީގެ ތަފުސީލާއި ފީ ދައްކަންޖެހޭ ގޮތް

މި ޙިދުމަތަކީ، އެއްވެސް ފީއެއް ނަގާ ހިދުމަތެއް ނޫން

 
ޚިދުމަތް ނިންމުމަށް ހޭދަވާނެ މުއްދަތު

ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް 2 ދުވަސް

 
އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމުށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400 އަށް ގުޅުއްވާ، ނުވަތަ ކޮންސިއުލަރ ސަރވިސަސް އަށް (This email address is being protected from spambots. You need JavaScript enabled to view it.) އަށް މެއިލް ކޮށްލައްވާ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960