ވިސާ އާ ގުޅޭ ޚިދުމަތްތައް

ވިސާ އާ ގުޅޭ ޚިދުމަތްތައް

އެކި ޤައުމުތަކަށް ދިވެހިން ދަތުރުކުރެއްވުމަށް ބޭނުންވާ ވިސާ ހޯއްދެވުމުގައި މި މިނިސްޓްރީގެ ކޮންސިއުލަރ ސަރވިސަސް ޑިޕާޓްމަންޓުން ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެނީ ދިވެހިރާއްޖެއަށް 'އެކްރެޑިޓް' ކޮށްފައިވާ ބޭރު ޤައުމުތަކުގެ މިޝަންތައް މެދުވެރިކޮށެވެ.

ދިވެހިރާއްޖެ އަށް ކަނޑައަޅާފައިވާ، މާލޭގައި ޤާއިމުކުރެވިފައިވާ ބޭރު ޤައުމުތަކުގެ މިޝަންތަކުން (އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، ބަންގްލަދޭޝް އަދި ޗައިނާ) ވިސާ ހޯއްދެވުމުގެ ކަންތައްތައް ކުރައްވާނީ ވިސާ އަށް ހުށަހަޅުއްވާ ފަރާތުން އަމިއްލަފުޅަށެވެ.

މިނިސްޓްރީ މެދުވެރިކޮށް ވިސާ އަށް ހުށަހަޅުއްވާއިރު، ވިސާ އެޕްލިކޭޝަން ފޯމު، ވިސާ ފެސިލިޓޭޝަން ފޯމު، ޕާސްޕޯޓު، ވިސާ ފީ އަދި މީގެ އިތުރުން އެ ވިސާ އަކަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ ހުރިހާ ލިޔުންތަކާއި އޭގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. ވިސާ ފީ ދައްކަވަންވާނީ 'ބޭންކް ޑްރާފްޓަކުންނެވެ'.

ވިސާ އެޕްލިކޭޝަން މިނިސްޓްރީން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ.

ވިސާ ޖެހުމަށްފަހު މިނިސްޓްރީ އަށް ލިބޭ ޕާސްޕޯޓު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް މިނިސްޓްރީން ދުކޫރާނެއެވެ.

ވިސާ އަށް ހުށަހަޅުއްވާއިރު، ވިސާ ފޯމު ރަނގަޅަށް ފުރިހަމަ ކުރެއްވިފައިވޭތޯ އާއި ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ އެންމެހާ ލިޔުންތައް ހަމަކުރެއްވިފައިވޭތޯ ޔަޤީން ކުރެއްވުމަކީ ވިސާ އަށް ހުށަހަޅުއްވާ ފަރާތުގެ މަސްޢޫލިއްޔަތެކެވެ.

ވިސާ އާ ގުޅޭ ޤަވާއިދުތަކާއި އިރުޝާދުތައް ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ހައިކޮމޝަން / އެމްބަސީ ގެ ވެބްސައިޓުގައި އަބަދުވެސް 'އަޕްޑޭޓް' ކުރައްވަމުން ގެންދަވައެވެ. އެހެންކަމުން ވިސާ އަށް ހުށަހެޅުއްވުމުގެ ކުރިން، އެ ޤައުމެއްގެ ހައިކޮމޝަން / އެމްބަސީ ގެ ވެބްސައިޓުން އެ މަޢުލޫމާތުތައް ހޯއްދަވަން ވާނެއެވެ. ވިސާ އެޕްލިކޭޝަން ފޯމު ރަނގަޅަށް ފުރިހަމަ ކުރެއްވިފައި ނުވުމާއި އަދި ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ ލިޔުމެއް މަދުވުމުގެ ސަބަބުން ވިސާ ލިބުން ލަސްވިކަމުގައިވިޔަސް އެކަމުގެ ޒިންމާ މިނިސްޓްރީ އަށް ނެގެން ނޯންނާނެއެވެ.

ވިސާ އަށް ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަނާއި ޕާސްޕޯޓު 'ކުރިއަރ ސަރވިސް' މެދުވެރިކޮށް މިނިސްޓްރީން ފޮނުވަނީ ރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ މިޝަންތަކަށެވެ. އަދި އެ މިޝަންތަކުން ކަނޑައެޅިފައިވާ ހައިކޮމިޝަން / އެމްބަސީ އަކަށް އެޕްލިކޭޝަން ހުށަހަޅުއްވައެވެ. ވިސާ ޖެހުމަށްފަހު އެ ހައިކޮމިޝަން / އެމްބަސީ އަކުން ޕާސްޕޯޓުތައް ދިވެހި މިޝަން އަށް ލިބުމުން އެ ޕާސްޕޯޓުތައް އަނބުރާ މިނިސްޓްރީ އަށް ފޮނުއްވައެވެ. ޕާސްޕޯޓުތައް މިނިސްޓްރީ އަށް ލިބުމަށް އާންމުގޮތެއްގައި ބަންދުނޫން ދޭއް ނުވަތަ ތިން ދުވަހުގެ މުއްދަތެއް ނަގައެވެ.

ބައެއް ޤައުމުތަކުގެ ވިސާ ނަންގަވާއިރު، އެ ޤައުމެއްގެ އެމްބަސީއަކުން، ވިސާ އަށް އެދިވަޑައިގަންނަވާ ފަރާތުގެ 'ބައޮމެޓްރިކްސް' ނަންގަވާ 'އިންޓަވިއު' ކުރައްވައެވެ. އެފަދަ ހާލަތްތަކުގައި ވިސާ އަށް އެދިވަޑައިގަންނަވާ ފަރާތް އެ ހައިކޮމިޝަން / އެމްބަސީ އަށް ހާޟިރުވާން ވާނެއެވެ.

ވިސާ އާ ގުޅޭ މަޢުލޫމާތު އަދި ލިޔުންތައް (އެޕްލިކެޝަން ފޯމު، ވިސާ ފެސިލިޓޭޝަން ފޯމު، ޗެކްލިސްޓް) ހޯއްދެވުމަށް މިނިސްޓްރީގެ ވިސާ ޑިވިޜަން އާ ގުޅުއްވުން އެދެމެވެ.


ޚިދުމަތަށް އެދެވޭނީ ކާކަށް؟

  • ރައްޔިތުން

އިތުރު މަޢުލޫމާތު

ވިސާ ޑިވިޜަން

ފޯނު 3323400

އީމެއިލް: This email address is being protected from spambots. You need JavaScript enabled to view it.

ވިސާ ފެސިލިޓޭޝަން ފޯމު ފިޔަވާ އެހެނިހެން ފޯމުތަކާއި ޗެކްލިސްޓް ވިސާ އަށް ހުށަހަޅުއްވާ ޤައުމެއްގެ ހައިކޮމިޝަން / އެމްބަސީ ގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެ އެވެ.

ފޯމުތައް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960