ޚަބަރު

އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗަރޑް ވަރމާއާ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރެއްވުން

Ref: 2024/PR/43

ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ މެނޭޖްމަންޓް އެންޑް ރިސޯސަސް ރިޗަރޑް ވަރމާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. 

މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު އާއި ޑެޕިއުޓީ ސެކްރެޓަރީ ވަރމާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އެމެރިކާގެ ގުޅުން ބަދަހިވެފައިވާ މިންވަރަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ޑިމޮކްރެޓިކް އުޞޫލުތަކާއެކު ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، އިޤްތިޞާދީ ތަނަވަސްކަމާއި، ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޚާރިޖީ ވަޒީރު އާއި ޑެޕިއުޓީ ސެކްރެޓަރީ ވަރމާ ވަނީ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވިސާގެ ކަންކަން ހަރުދަނާކުރުމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ވަނީ 17 ނޮވެމްބަރ 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު، ރާއްޖެއާއެކު ބަދަހި ގުޅުމެއް ދެމެހެއްޓުމަށް އެމެރިކާ ސަރުކާރުން ދެއްވާ އަހަމިއްޔަތުކަމަށް ޝުކުރު އަދާކުރައްވާފައެވެ. 

ޚާރިޖީ ވަޒީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު، ސެކްރެޓަރީ ބައިލެޓަރަލް ޑރ ހާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު، ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު އަދި ޑެސްކް އޮފިސަރު ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960