ޚަބަރު

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ޣައްޒާ 'ޖެނޮސައިޑް' ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލައިފި

Ref: 2024/PR/58

އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން، މިއަދު ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާނެއް ދެއްވިއެވެ.

އިސްރާއިލުން ފަލަސްތީނުގައި ހިންގަމުންދާ 'ޖެނޮސައިޑް' ނުވަތަ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި އިސްރާއިލްގެ ސަރުކާރުން ރަފާއަށް ހަމަލާދޭނެކަމަށް ބުނަމުންދާ ބުނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ބައްދަލުވުމުގައި، ދިވެހިރާއްޖެ އިން ވަނީ މިހާރުން މިހާރަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށާއި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް (އެޕާތައިޑް) ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. އަދި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތި އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލާފައިވެއެވެ.

މީގެއިތުރުން، އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި ޢަމަލުކުރަމުންދާ އިސްރާއީލުގެ ސިޔާސަތުތަކާއި ހަމަތަކުން އުފެދޭ ޤާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފަޔަކަށް އެދި އ.ދ. ގެ ޢާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްޤުގައި ހުށަހެޅި ބަޔާނަށް އަލިއަޅުވާލާފައިވެއެވެ. އަދި، ދެކުނު އެފްރިކާ އިން ހުށަހަޅާފައިވާ އެޕްލިކޭޝަންއަށް ޑިކްލަރޭޝަންއެއް ހުށަހަޅާނެކަމަށްވެސް ދިވެހިރާއްޖެ އިން ވަނީ ބަޔާންކޮށްފައެވެ. ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ދެމިތިބޭނެކަމުގެ ޔަޤީންކަން ދީ، މި މައްސަލައަށް ދާއިމީ ހައްލެއް ލިބެން އޮތީ ފަލަސްތީނަކީ 1967 އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން، އުފެދިފައިވާ މުސްތަޤިއްލު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެންކަމަށް ދިވެހިރާއްޖެއިން ފާހަގަކުރިއެވެ.

އޯ.އައި.ސީ.އަކީ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރަމުން އަންނަ 57 މެމްބަރުން ހިމެނޭ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އައި.ސީ.ގެ މެމްބަރަކަށްވެފައިވަނީ 1976 އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960