ސާކް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯރޕޮރޭޝަން (ސާކް) ގާއިމް ކުރެވުނީ 8 ޑިސެމްބަރ 1985 ވަނަ އަހަރު ބޭއްވުނު ދެކުނު އޭޝިޔާގެ ގައުމުތަށްކަމަށްވާ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ. ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައެވެ. ދެކުނު އޭޝީޔާގެ ގައުމުތަކުގެ މެދުގައި ގުޅިގެން އެކުވެރިކަމާއިއެކު މަސައްކަތްކުރުމުގެ މާހައުލެއް ފަހިކޮށްދިނުމުގެ އިތުރުން، ސާކްގެ އަމާޒަކީ މި ސަރަހައްދުގެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުވުން އިތުރުކުރުމެވެ. އަދި 2007 ވަނަ އަހަރު ސާކްގެ 8 ވަނަ ގައުމުގެ ގޮތުގައި އަފްޣާނިސްތާން ވަނީ ސާކައި ގުޅިފައެވެ.

ސާކްގެ އެކި މަސައްކަތްތަށް ރާވާއި ހިންގާ 5 ރީޖަނަލް ސެންޓަރ ސާކްގެ އެކި ގައުމުތަކުގައި ގާއިމްކުރެވިފައިވެއެވެ. އަދި އޮސްޓްރޭލިއާ، ޗައިނާ، އީ.ޔޫ، އިރާން، ޖަޕާން، ކޮރެއާ، މޮރިޝަސް، މިޔަންމަރ އަދި އެމެރިކާއާއެކު ސާކްގައި 9 އޮބްސަރވަރ ގައުމު ހިމެނެއެވެ. ސާކްއަށް އިތުރު އޮބްސަރވަރ ޤައުމުތައް ވެއްދުން މިވަގުތު ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. ސާކް ސަމިޓުތަކުގެ ހުޅުވާ އަދި ނިންމާ ޖަލްސާތަކުގައި ބައިވެރިވުމަށް ސާކްގެ އޮބްސަރވަރ ޤައުމުތަކަށް ދަޢުވަތު އަރުވައެވެ.

މިނިސްޓްރީގެ ސާކް ޑިވިޜަންގެ ޒިންމާ އަކީ ރާއްޖޭގައި ސާކާއި ގުޅުންހުރި މަސައްކަތްތައް ރާވާ ހިންގުމާއި އަދި ސާކާއި ގުޅުންހުރި ގައުމީ ސިޔާތުތައް އެކުލަވާލުމެވެ. މީގެ އިތުރުން ސާކް ޑިވިޜަންގެ އެންމެ މުހިންމު އެއް މަސައްކަތަކީ ސާކް ބައްދަލުވުންތައް ވަކިން ހާއްސަކޮށް ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމާއި އޭގެ ފޯމަލް ސެޝަންތައް، ސްޓޭންޑިންގ ކޮމިޓީ ބައްދަލުވުމާއި ސްޕެޝަލް ސެޝަން، ޕްރޮގްރާމިންގ ކޮމިޓީ ބައްދަލުވުން އަދި ސެކްޓޯރަލް ބައްދަލުވުންތަކަށް ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކާއިއެކު ވިލަރެސް ކުރުމާއި ފޮލޯ-އަޕް ހެދުމެވެ.

ސާކް ޑިވިޜަނުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި ސާކް ސަމިޓްގެ ބައްދަލުވުންތަކަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހުރިއްޔާގެ އޮފީހާއި ގުޅިގެން ސަމިޓުގެ ލޮޖިސްޓިކަލް އިންތިޒާމްތައް ހަމަޖެއްސުމާއި ބްރީފިންގ/ރިސަރޗް ޕޭޕަރު ތައްޔާރު ކުރުން ހިމެނެއެވެ. އަދި ސާކްގެ އެކި ހަރަކާތްތަކުގައި ރާއްޖޭން ބައިވުމަށްޓަކައި ސާކް ސެކްރެޓޭރިއެޓާއި ކަމާ ބެހޭ އިދާރާތަކާއި ދެމެދު ކުރެވޭ މުއާމަލާތްތައް ބަދަލުކުރުމުގައި މި ޑިވިޜަނުން މެދުވެރިޔެއްގެ ރޯލް އަދާކުރެއެވެ.

މީގެއިތުރުން، ރާއްޖޭގައި ބޭއްވޭ ސާކްގެ ބައްދަލުވުންތަކާއި ސާކްގެ މައި ޙަރަކާތްތައް ވިލަރެސްކޮށް އެކި ސާކް ސަމިޓުތަކުގައި ކުރުމަށް ނިންމާފައިވާ ކަންކަން ޙާސިލުވެފައިވާ މިންވަރު ބަލައި ފޮލޯ-އަޕް ހެދުމަކީ ވެސް ސާކް ޑިވިޜަނުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960