ކޮމަންވެލްތު

އިނގިރޭސިވިލާތުގެ ލަންޑަނުގައި މައި މަރުކަޒު ޤާއިމުކޮށްފައިވާ ކޮމަންވެލްތަކީ، އެޖަމިއްޔާގެ މައި ހިންގާ ޤަވައިދު ކަމަށްވާ ކޮމަންވެލްތު ޗާޓަރުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުޞޫލުތައް ޤަބޫލުކޮށް އެހަމަތަކާއި އުޞޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރާ 56 ޤައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ.

ކޮމަންވެލްތުގެ އެންމެ އިސް ވެރިއަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އެވެ. ކޮމަންވެލްތުގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އަކީ ދަ ރައިޓް އޮނަރަބަލް ޕެޓްރީޝިއާ ސްކޮޓްލަންޑް އެވެ.

ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސް ވެރިން ކޮންމެ ދެއަހަރުން އެއްއަހަރު ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ. މިބައްދަލުވުން ބާއްވަނީ ޤައުމުތަކުގެ މެދުގައި ދައުރުވާނެހެން، ތަފާތު ކޮމަންވެލްތު ޤައުމުތަކުގައެވެ. ކޮމަންވެލްތު ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެހެނިހެން ވެސް މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ކޮމަންވެލްތު ޤައުމުގެ ޚާރިޖީ ވަޒީރުން އަހަރަކު އެއް ފަހަރު ބައްދަލުކުރައްވައެވެ. އެހެނިހެން ދާއިރާތަކާއި ސިނާޢަތްތަކުން ވެސް މިނިސްޓަރުންގެ ފެންވަރުގެ ބައްދަލުވުންތައް އަހަރު ތެރެއަށް ބަހާލައިގެން ބާއްވަމުން ގެންދެއެވެ. މިގޮތުން، ކޮމަންވެލްތުގެ ޒުވާނުންނާ ބެހޭ ވަޒީރުންގެ ބައްދަލުވުން - ކޮމަންވެލްތު ޔޫތު މިނިސްޓަރސްގެ އިފްތިތާޙީ ބައްދަލުވުން ބާއްވާފައިވަނީ 1992ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.

ކޮންމެ އަހަރެއްގެ މާރޗް މަހުގެ ދެވަނަ ހޯމަ ދުވަހަކީ ކޮމަންވެލްތު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެދުވަހު، ކޮމަންވެލްތުގެ ހުރިހާ މެމްބަރު ޤައުމެއްގައި ކޮމަންވެލްތުގެ ޤައުމުތަކުން ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތައް ފާހަގަކޮށް ޙަރަކާތްތައް ހިންގައެވެ.

ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ކޮމަންވެލްތާ ގުޅުނީ ސްޕެޝަލް މެމްބަރެއްގެ ހައިސިއްޔަތުން 9 ޖުލައި 1982ގައެވެ. އެއަށްފަހު ރާއްޖެއަށް ކޮމަންވެލްތުގެ ފުރިހަމަ މެމްބަރަކަށްވީ 20 ޖޫން 1985ގައެވެ. 13 އޮކްޓޯބަރ 2016ގައި ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވި ނަމަވެސް، 1 ފެބްރުއަރީ 2020ގައި ކޮމަންވެލްތުގެ 54ވަނަ މެމްބަރުގެ ގޮތުގައި ދިވެހިރާއްޖެ ވަނީ އަލުން ކޮމަންވެލްތާ ގުޅިފައެވެ.

1985ގައި ދިވެހިރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތުގެ މެމްބަރަކަށް ވީއްސުރެ، ތަފާތު ދާއިރާތަކުން އެހީއާއި އިންސާނީ ވަޞީލަތް ކުރިއެރުވުމުގެ ފުރުޞަތުތައް ކޮމަންވެލްތުން ފަހިކޮށްދީފައިވެއެވެ. އެގޮތުން، ތަޢުލީމު، މޫސުމަށް އަންނަ ބަދަލުތައް، މިންތީގެ ހަމަހަމަކަން، ޞިއްޙަތު، ހެޔޮ ވެރިކަން، އަދި އޮފީސް ހިންގުމުގެ ދާއިރާއިން ރާއްޖެއަށް ކޮމަންވެލްތުން އެހީ ފޯރުކޮށްދީފައިވެއެވެ.

ކޮމަންވެލްތުގައި ދިވެހިރާއްޖެއަކީ ވަރަށް ޙަރަކާތްތެރިކަމާއެކު ބައިވެރިވަމުން އަންނަ ޤައުމެކެވެ. އެގޮތުން، ކޮމަންވެލްތު ޔޫތު ޕްރޮގްރާމް އާއި ކޮމަންވެލްތު ފައުންޑޭޝަނާއި ކޮމަންވެލްތު އޮފް ލާނިންގައި ދިވެހިރާއްޖެއިން އަންނަނީ ޙަރަކާތްތެރިވަމުންނެވެ. މީގެއިތުރުން 2009-2013އަށް ދިވެހިރާއްޖެއިން ވަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕު (ސީމެގް)ގައި ވެސް ޙަރަކާތްތެރިވެފައެވެ. 

ހަމައެއާއެކު، ދިވެހިރާއްޖެއަކީ ކޮމަންވެލްތު ބްލޫ ޗާޓަރ އެކްޝަން ގްރޫޕް އޮން ސަސްޓެއިނަބަލް ކޯސްޓަލް ފިޝަރީޒްގެ އެއް ކޯ-ޗެމްޕިއަންގެ އިތުރުން ކޮމަންވެލްތު ކްލީން އޯޝަން އެލަޔަންސް އާއި ކޮމަންވެލްތު ބްލޫ ޗާޓަރ އެކްޝަން ގްރޫޕް އޮން މެންގްރޫވް އިކޯސިސްޓަމްސް އެންޑް ލައިވްލިހުޑްސްގެ މެމްބަރެއްވެސްމެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960