ބަޔާންތައް

ޔޫރަޕްގެ ޝެންގެން ޤައުމުތަކަށް ދަތުރުކުރައްވާ ދިވެހިންގެ ސަމާލުކަމަށް

ޔޫރަޕްގެ ޝެންގެން ޤައުމުތަކަށް ދަތުރުކުރައްވާ ދިވެހިންގެ ސަމާލުކަމަށް

12 ނޮވެމްބަރު 2023

 

ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި މިމިނިސްޓްރީ އިން ކެނޑިނޭޅި ކުރަމުންގެންދާ  މަސައްކަތްތަކުގެ ސަބަބުން 1 މާރިޗު 2020 ގައި ވީ.އެފް.އެސް. ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރު (VFS Malé) އެއް މާލޭގައި ވަނީ ހުޅުވިފައެވެ. އަދި މި ސެންޓަރު މެދުވެރިކޮށް ޔޫރަޕުގެ ގިނަ ޤައުމުތަކަކަށް ޝެންގެން ވިސާއަށް ރާއްޖެއިން އެޕްލައިކުރުމުގެ ފުރުޞަތު ތަނަވަސްވުމުގެ ސަބަބުން ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލާންޖެހުނު ތަކުލީފުތައް ނައްތާލެވި، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަކަމަށް މި މިނިސްޓްރީން ދެކެމެވެ.

 

އެހެންކަމުން މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް މި މިނިސްޓްރީ އިން ޝެންގަން ޒޯނުގައި ހިމެނޭ ޤައުމުތަކުގެ ޚާރިޖީ ވުޒާރާތަކާއެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ވީ.އެފް.އެސް. މާލެ ވިސާ ސެންޓަރާ ރަސްމީކޮށް ސްވިޓްޒަލެންޑް އިން 21 އޮގަސްޓް 2023 ގައި ވަނީ ގުޅިފައެވެ. އެހެންކަމުން މި ސެންޓަރު މެދުވެރިކޮށް ސްވިޓްޒަލެންޑް، ބެލްޖިއަމް، ނެދަރލެންޑްސް، ޕޮލެންޑް، ލަގްޒެމްބޮރގް އަދި ސްލޮވީނިއާ ޝެންގަން ވިސާއަށް މިހާރު އެޕްލައި ކުރެވޭނެއެވެ.

 

މީގެ އިތުރުން މިއަދު (12 ނޮވެމްބަރު 2023) އިން ފެށިގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލް ގެ ޝެންގަން ވިސާއަށް ވީ.އެފް.އެސް. މާލެ ސެންޓަރުން އެޕްލައިކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފަައިވާ ވާހަކަ ނުހަނު އުފަލާއެކު ފާހަގަކޮށް މިކަން އާއްމުކޮށް އިޢުލާންކުރަމެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960