ޚަބަރު

އޯ.އައި.ސީ. އިން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި

ދާދިފަހުން ސްވީޑަން އަދި ޑެންމާކްގައި ހުންނަ އިރާޤްގެ އެމްބަސީ ކުރިމަތީގައި މުޞްޙަފް އަންދާލި މައްސަލަ ކުށްވެރިކޮށް އެފަދަ އަމަލުތައް ތަކުރާރުވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި އަލް-އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް އިސްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ވަދެފައިވާތީ، އެކަން ކުށްވެރިކޮށް، ސައުދީ އަރަބިއްޔާ އަދި އިރާޤު ގެ ސަރުކާރުތަކުން އިސްވެ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ (އޯ.އައި.ސީ.) ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ވަރޗުއަލްކޮށް ބޭއްވި އެކްސްޓްރާ-އޯޑިނަރީ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، ބައިވެރިވެވަޑައިގަންނަވާ ތަޤްރީރު ކުރެއްވިއެވެ 

މި ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ މުސްޙަފް އެންދުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ އަމަލުތަކަކީ ހަރުކަށި ފިކުރުތައް ފެތުރުމަށް ބާރުއަޅާ އަމަލުތަކެއްކަމަށް ފާހަގަކުރައްވާފައެވެ. އަދި، އެ އަމަލުތަކަކީ މުސްލިމް އުންމަތައް ލިބޭ ހިތާމައެއްގެ އިތުރުން، މުޖުތަމުޢު ބައިބައިކޮށް ފިތުނަ ފަސާދަ އުފެއްދުމަށް މަގުފަހިކޮށްދޭ ދަށުދަރަޖައިގެ ޢަމަލެއް ގޮތުގައިވެސް ސިފަކުރައްވާފައެވެ. ހަމައެއާއެކު، އިންސާނީ ހައްޤުގެ ނަމުގައި ދީނުގެ އަސާސްތަކުގެ ޚިލާފަށް ހިންގާ މިފަދަ އަމަލުތަކާ ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެކަމެއްނޫން ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އެގޮތުން، އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން މި ހިނގާ ޖުލައި މަހު ފާސްކުރި ޤަރާރަކީ އެކުގައި މަސައްކަތްކޮށްގެން ލިބޭ ކާމިޔާބީއެއްގެ ދަލީލެއް ގޮތުގައިވެސް ފާހަގަކުރެއްވިއެވެ. އަދި، މިފަދަ އަމަލުތައް ހުއްޓުމަށް ސުލްހަމަސަލަސްކަން ދެމެހެއްޓުމަށާއި އިޚްތިރާމްކުރުމަށް ބާރުއެޅުމުގެ މުހިންމުކަންވެސް އެމަނިކުފާނުގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާއި، ހަރިންމަ ތެރެއަށް ހުއްޓުމެއްނެތި ވަނުންވެސް އެމަނިކުފާނު ކުށްވެރިކުރެއްވިއެވެ. މިފަދަ އަމަލުތަކަކީ މެދުއިރުމަތީގެ ސުލްހަމަސަލަސްކަން ގެއްލުވާލަ ފަދަ އަމަލެއްކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި، އެ މަނިކުފާނުގެ ތަޤްރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުމެހެން ފަލަސްތީނުގެ ރައްޔިތުންނާއެކު ވާނެކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުން ނިމިގެންދިޔައީ އޯ.އައި.ސީ.ގެ މެމްބަރު ޤައުމުތަކުގެ މެދުގައި މި ދެ އަމަލުތައް ކުށްވެރިކޮށް، މެދުކެނޑުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ހާމަކޮށް، ދެ ޤަރާރެއްވެސް ފާސްކޮށްފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960