ދިވެހި ރައްޔިތަކަށް ވުމަށް ހުށަހެޅުން

ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު

މިނިސްޓްރީގެ ސިޓިޒަންޝިޕް ފޯމު ފުރިހަމަ ކުރުމަށްފަހު، ސިޓިޒަންޝިޕް ޤާނޫނުން ބުނާ އެންމެހާ ޝަރުތުތަކެއް ފުރިހަމަ ވާނަމަ، ޗެކްލިސްޓްގައިވާ އެންމެހާ ޑޮކިއުމެންޓްތަކާއި އެކު މިނިސްޓްރީއަށް ހުށަހަޅުއްވާނީއެވެ. ދިވެހި ރައްޔިތުކަމަށް އެދި ހުށަހަޅަން ބޭނުންވާ ބިދޭސީން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކީ ހުށަހަޅުއްވަންޖެހޭ ހުރިހާ ލިޔެކިޔުންތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ހުށަހެޅުއްވުމުން މިނިސްޓްރީން ލިޔެކިޔުންތައް ބަލާ ފާސްކުރުމަށްފަހު، ޤާނޫނުގައި ބަޔާންކުރާ ޝަރުތުތަކާއި އެންމެހާ އިޖުރާޢަތްތައް ފުރިހަމަވާކަމުގައިވަނީނަމަ، އެޕްލިކޭޝަންގެ ދެންހުރި މަރުހަލާތައް ކުރިޔަށް ގެންދެވޭނެއެވެ.

މިގޮތުން، މިނިސްޓްރީން ބެލުމަށްފަހު އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް ރަނގަޅުކުރުމަށް ފޯމު ހުށަހެޅި ފަރާތަށް މައުލޫމާތު އަރުވައި ފުރުސަތު ދެވިގެން ދާނެއެވެ. ދިވެހިރައްޔިތުކަން ދިނުމާމެދު ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ފޮނުވޭނީ ޝަރުތުތައް ހަމަވެގެން، ލިޔެކިޔުންތައް ފުރިހަމަވުމުންނެވެ.

 

ޝަރުތު

މުސްލިމަކު ކަމުގައިވުން

ޢުމުރުން 21 އަހަރު ފުރިހަމަވެ، ބުއްދި ސަލާމަތުން ހުރިމީހެއްކަމުގައިވުން

މެދުނުކެޑި ރާއްޖޭގައި 12 އަހަރު އުޅެމުން އައިސްފައިވާ މީހަކު ކަމުގައިވުން

ދިވެހި ރާއްޖޭގެ ޤާނޫން އަސާސީގެ މަޢުލޫމާތު އެނގި ހުރި މީހެއްކަމުގައިވުން

ދިވެހި ބަހުން ވާހަކަދައްކަން އެގުމާއެކު، ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ މުޤައްރަރުގައި ވާ މިންވަރަށް ތަކެތި ދަންނަ މީހެއްކަމުގައިވުން

ސިޔާސީ ކުށެއް ނުވަތަ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޤާނޫނާ ޚިލާފަށް މަސްތުވާތަކެތި އުފެއްދުމާއި އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން

ރާއްޖެއަށް ބޭނުންތެރި މީހެއް ކަމުގައިވުން

އެމީހެއްގެ އަސްލު ސިޓިޒަންޝިޕު ދޫކޮށްލާނެކަމުގެ އިޤްރާރު ވުމާއެކު، އެ ސިޓިޒަންޝިޕުން ތަނާޒަލް ވުމާމެދު އިއުތިރާޟެއް ނެތްކަމުގެ ރަސްމީ ލިޔުމެއް، އެމީހެއްގެ ޤައުމުގެ ސަރުކާރުން ހޯދައި، ހުށަހެޅުން

 

ޚިދުމަތަށް އެދެވޭނީ ކާކަށް؟

ދިވެހި ރައްޔިތަކަށް ވުމުގެ އެންމެހާ ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީންނަށް

 

ޚިދުމަތަށް އެދެވޭނީ ކޮންތާކުން؟

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

 

އިސްތިސްނާ ވާ ކަންތައްތަށް

ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތުތައް ފުރިހަމަނުވާ ބިދޭސީންގެ ދިވެހި ރައްޔިތަކަށް ވުމަށް އެދި ހުށަހަޅާ ލިޔެކިއުންތައް ބަލައެއް ނުގަނެވޭނެއެވެ.

 

ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

އަލަށް އިސްލާމްވި މީހަކުނަމަ، އިސްލާމްވި ތާރީޚާއި، ތަނާއި އެކަމާބެހޭ ލިޔުން.

ބުއްދި ސަލާމަތުން ހުރިކަން ނުވަތަ ނޫންކަން (މެޑިކަލް ސެޓިފިކެޓް).

ރާއްޖޭގައި ކުރާ މަސައްކަތާއި، އެމީހަކަށް ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ (މަސައްކަތް ކުރާ ތަނުގެ އިސްވެރިއެއްގެ ލިޔުން އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފެރަންސް).

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ މަޢުލޫމާތު އެނގޭކަން އަދި އެނގިހުރި މިންވަރު (އެޓަރނީ ޖެނެރަލްގެ އޮފީހުން ދެއްވާ އިމްތިޙާންގެ ނަތީޖާ)

ދިވެހިބަހުން ވާހަކަ ދައްކަން އެނގޭކަން އަދި އެނގިހުރި މިންވަރު. އަދި ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ މުޤައްރަރުގައިވާ ފެންވަރަށް ތަކެތި ދަންނަކަން އަދި ދަންނަ މިންވަރު (މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ދެއްވާ އިމްތިޙާންގެ ނަތީޖާ)

ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހޯދާފައިވާ، ފުރަތަމަ ރާއްޖެއައި ތާރީޚުން ފެށިގެން އެކި ފަހަރުމަތިން ރާއްޖެއިން ބޭރަށްގޮސް އައިސްފައިވާ ތާރީޚްތަކުގެ ލިސްޓު. 

އެމީހެއްގެ ޤައުމުގެ ސަރުކާރުން ހޯދާފައިވާ، އެމީހެއްގެ އަމިއްލަ ސިޓިޒަންޝިޕުން ތަނާޒުލުވުމާމެދު އިޢްތިރާޟެއް ނެތްކަމުގެ ލިޔުން.

އެމީހަކަށް ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ލިބިއްޖެނަމަ އެމީހެއްގެ ކުރީގެ ސިޓިޒަންޝިޕް ދޫކޮށްލާނެ ކަމުގެ އިޤުރާރު.

އެމީހެއްގެ ޤައުމުން ހޯދާފައިވާ ޕޮލިސް ރިޕޯޓް.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދާފައިވާ ޕޮލިސް ރިޕޯޓް.

ވަޒީފާ އަދާކުރާ ތަނުގެ އިސްވެރިޔާގެ "ރެފެރަންސް ލެޓަރ".

ތަޢުލީމީ ފެންވަރު (ލިބިފައިވާ ސެޓިފިކެޓް ރަސްމީ އިދާރާއަކުން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ).

ލިބިފައިވާ ތަޢުލީމީ އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. 

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކާވެންޏެއްކޮށްގެން ކުދިން ލިބިފައިވާނަމަ، ކުދިންނާބެހޭ މަޢުލޫމާތު: (ކުދިންގެ ނަމާއި، ޢުމުރާއި، ޖިންސާއި، އެޑްރެހާއި، ކިޔަވާ ކުދިން ކަމަށްވާނަމަ، އުޅޭ ސްކޫލާއި ކްލާސް އެނގޭގޮތަށް)، އަދި ކައިވެނި/ ވަރީގެ ސެޓިފިކެޓާއި ކުދިންގެ އުފަން ދުވަހުގެ ސެޓިފިކެޓްގެ ކޮޕީ.

ސިޔާސީ ކުށެއް ނުވަތަ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޤާނޫނާ ޚިލާފަށް މަސްތުވާތަކެތި އުފެއްދުމާއި އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކޮށްފައި ނުވާކަން ބެލުމުގެ ގޮތުން ކުށުގެ ރެކޯޑް ސާފުކުރުން.

 

ޚިދުމަތް ހޯދުމަށް ފީ އެއް ދައްކަންޖެހޭނަމަ، ފީގެ ތަފުސީލާއި ފީ ދައްކަންޖެހޭ ގޮތް:

މި ޙިދުމަތަކީ، އެއްވެސް ފީއެއް ނަގާ ހިދުމަތެއް ނޫން

 

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމުށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400 އަށް ގުޅުއްވާ، ނުވަތަ ކޮންސިއުލަރ ސަރވިސަސް އަށް (This email address is being protected from spambots. You need JavaScript enabled to view it.) އަށް މެއިލް ކޮށްލައްވާ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960