Ref: 2024/PR/49
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު، 26 ފެބްރުއަރީ އިން 01 މާޗް 2024 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 55 ވަނަ ސެޝަން ގެ ހައިލެވަލް ސެގްމަންޓަގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލޭންޑްގެ ޖެނީވާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރ ޝެރީނާ އ.ދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ މަޖިލީހުގެ 55 ވަނަ ސެޝަން ގެ ހައިލެވަލް ސެގްމަންޓްގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤްރީރުކުރައްވާނެއެވެ. މީގެ އިތުރުން އެކަމަނާ އ.ދ. ގެ މެމްބަރު ޤައުމުތަކާއި އ.ދ. ގެ އެހެން ޖަމިއްޔާތަކުގެ އިސްވެރިންނާ ބައްދަލަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސެޝަންގެ ހަވާސާގައި ބޭއްވިގެންދާ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖެއަކީ 2023 އިން 2025 އަށް އ.ދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ މަޖިލީހުގެ މެމްބަރެކެވެ. މިއީ ދިވެހިރާއްޖެއިން މި ކައުންސިލްގެ މެމްބަރުކަން ކުރާ ތިންވަނަ ފަހަރެވެ.