އ.ދ. އިޞްލާޙު ކުރުން

އ.ދ.ގެ ސަލާމަތީ މަޖިލިސް އިޞްލާޙުކުރުން

އ.ދ.ގައި ދިވެހިރާއްޖެއިން ދިފާޢުކުރަމުން އަންނަ އަސާސްތައް ކަމަށްވާ، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން އޮތުމާއި ބައިވެރިވުން އިތުރުކުރުމާއި އިންސާފުވެރިކަމުގެ އަސާސްތަކަކީ އ.ދ.ގެ ސަލާމަތީ މަޖިލީހަށް ވެސް ފެތޭ އަސާސް ތަކެއް ކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރަމެވެ.

އ.ދ.ގެ ސަލާމަތީ މަޖިލީސް އިޞްލާޙު ކުރުމާ ގުޅޭގޮތުން ރާއްޖެއިން ފާހަގަކުރާ މުހިއްމު ނުކުތާތަކަކީ:

1. ސަލާމަތީ ކައުންސިލުގެ މެމްބަރުންގެ ބާވަތްތައް - ސަލާމަތީ ކައުންސިލުގެ ދާއިމީ އަދި ދާއިމީ ނޫން މެމްބަރުން ހިމެނޭހެން ދެބާވަތުގެ މެމްބަރުންގެ އަދަދުވެސް އިތުރުކުރުމަށް ދިވެހިރާއްޖެއިން ތާއީދުކުރަމެވެ. މިއީ ސަލާމަތީ މަޖިލީހުގައި ދުނިޔޭގެ ސަރަޙައްދުތައް ހަމަހަމަގޮތެއްގައި ތަމްސީލުކުރުމަށާއި ތާރީޚީ ގޮތުން އެފްރިކާ ބައްރަށް ވެފައިވާ އިހާނާތް އިޞްލާޙު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއްކަމަށް ރާއްޖެއިން ދެކެމެވެ. މީގެއިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ސަލާމަތީ މަޖިލީހުގައި ޚާއްސަ ޖާގައެއް ބެހެއްޓުމެއް ވެސް ދިވެހިރާއްޖެއިން ތާއީދުކުރަމެވެ.

2. ވީޓޯއާ ގުޅޭ ސުވާލު - ވީޓޯ ކުރުމުގެ ބާރާ ގުޅޭގޮތުން ރާއްޖެއިން ދެކޭގޮތުގައި ސަލާމަތީ މަޖިލީހަށް އަލަށް އިތުރުކުރާ ދާއިމީ މެމްބަރުންނަށް ވެސް ކުރިން ތިބި ދާއިމީ މެމްބަރުންނެކޭ އެއްފަދައިން ވީޓޯ ކުރުމުގެ ބާރު ލިބެންޖެހޭނެއެވެ. އިންސާނީ ކަރާމާތަށް އުނިކަންލިބޭފަދަ ޢަމަލުތަކާއި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އަމާންކަމާއި ސަލާމަތާ ގުޅުންހުރި މައްސަލަތަކުގައި ވީޓޯ ބޭނުންކުރުން މަދުކުރުމަށް ދިވެހިރާއްޖެއިން ވަކާލާތުކުރަމެވެ.

3. މަސައްކަތްކުރާ ގޮތްތައް - ސަލާމަތީ މަޖިލީހަކީ މިހާރަށްވުރެ ޑިމޮކްރެޓިކް އަދި ދެފުށްފެންނަ ތަނަކަށް ހެދުމަށްޓަކައި އެމަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ވަކާލާތު ކުރަމެވެ. އަލަށް އުފެދެމުން އަންނަ ސަލާމަތީ މައްސަލަތަކަށް އެންމެ އެދެވޭ ގޮތެއްގައި ސަލާމަތީ މަޖިލީހުން ޢަމަލުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި އެކައުންޓަބިލިޓީ، ކޮހެރެންސް އެންޑް ޓްރާންސްޕޭރެންސީ (އެކްޓް) ގްރޫޕްގެ މެމްބަރެއްގެ ހައިސިއްޔަތުން، ސަލާމަތީ މަޖިލީހާއި އ.ދ.ގެ ޢާއްމު މަޖިލީހާއި އެހެނިހެން ކަމާ ގުޅުންހުރި އ.ދ.ގެ ގުނަވަންތަކާ ދެމެދު މިހާރަށް ވުރެ ބޮޑަށް ވާހަކަދެކެވި މަޝްވަރާކުރުމަށް ދިވެހިރާއްޖެއިން ވަކާލާތުކުރަމެވެ.

މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ބޮޑެތި ބަލިމަޑުކަންތައް ފަދަ، އުފެދެމުން އަންނަ ސަލާމަތީ މައްސަލަތަކާއި ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ސަލާމަތީ ގޮތުން ހުރި މައްސަލަތައް އިތުރަށް ގޯސްވުމަށް މަގުފަހިވާނެ ކަންކަމަށް އެންމެ އެދެވޭގޮތެއްގައި ސަލާމަތީ މަޖިލީހުން ޢަމަލުކުރުމަށްޓަކައި އެމަޖިލިސް އިޞްލާޙު ކުރުމަކީ ނުހަނު މުހިއްމު ކަމެކެވެ.

ސަލާމަތީ މަޖިލިސް އިޞްލާޙުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތަށް ބަލާއިރު، މިކަމާ ގުޅޭގޮތުން މަޝްވަރާތައްކުރުމަށް އިންތިޒާމުކުރާ އިންޓަރގަވަރމެންޓަލް ނެގޯޝިއޭޝަންސް އޮން ސެކިއުރިޓީ ކަުއުންސިލް ރިފޯމްގެ މަޝްވަރާތައް ދިރުވާ، އާލާކުރުމަށް ގޮވާލާ ގޮވާލުމުގައި ދިވެހިރާއްޖެއިން ބައިވެރިވަމެވެ. އެގޮތުން، މިމަޝްވަރާތަކުގައި މަޝްވަރާކުރުމަށް އެއް ދެލިކޮޕީ ބޭނުންކުރުމަށާއި އ.ދ.ގެ މެމްބަރު ޤައުމުތަކާއި އެޤައުމުތަކުގެ މައްޗަށް އެކުލެވޭ ގްރޫޕްތަކުން ހުށަހަޅާ ހުށަހެޅުންތައް، އެހުށަހެޅުންތައް ހުށަހެޅި ބައެއް އެނގޭނެހެން ދެލިކޮޕީގައި ހިމެނުމަށް ދިވެހިރާއްޖެއިން ތާއީދުކުރަމެވެ. މިފަދަ މަސައްކަތުގެ ވައްޓަފާޅިތަކުގެ ސަބަބުން ދެފުށްފެނުމާއި ޖަވާބުދާރީ ކުރުވުން ފަދަ، މިމަޝްވަރާތަކުގައި ހިފެހެއްޓުން މުހިއްމުކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާ އަސާސްތައް ހިފަހައްޓަން މަގުފަހިވާނެކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރަމެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960