ޖީ77

ގްރޫޕް އޮފް 77 ޕްލަސް ޗައިނާ އަކީ އިޤްތިޞާދީ ގޮތުންނާއި ތަރައްޤީގެ މަގުގައި ޤައުމުތަކުގެ މެދުގައި ހުރި އެއްގޮތް ބޭނުންތައް ކުރިއަށް ގެންދިއުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށްޓަކައި އ.ދ.އާއި އެހެނިހެން މަންސަތަކުގައި ގުޅިގެން މަޝްވަރާ ކުރުމަށްޓަކައި 1964ވަނަ އަހަރު އުފައްދާފައިވާ، ތަރައްޤީވަމުން އަންނަ 134 ޤައުމުގެ މައްޗަށް އެކުލެވޭ ޖަމިއްޔާއެކެވެ.

މިޖަމިއްޔާގެ މެމްބަރަކަށް 1976ވަނަ އަހަރު ދިވެހިރާއްޖެ ވީއްސުރެ ޖީ77 އެންޑް ޗައިނާގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން ޙަރަކާތްތެރިކަމާއެކު ބައިވެރިވަމުން އާދެއެވެ. އެގޮތުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމާއި މޫސުމީ ބަދަލުތަކާއި ދަރަނީގެ މައްސަލަތަކާއި ޤައުމުތަކުގެ މެދުގައި ފަރަގުތައް ނައްތާލުމާއި ތަރައްޤީއާ ގުޅުންހުރި އެހެނިހެން މައްސަލަތައް ފަދަ ގްރޫޕުގެ ހުރިހާ މެމްބަރުންނަށް ވެސް މުހިއްމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހަދާއިރު އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން އަންނަނީ ގޮވާލަމުންނެވެ. މީގެއިތުރުން، ބަޖެޓު ހިމެނޭހެން އ.ދ.ގައި އިޤްތިޞާދީ އަދި މާލީ ދާއިރާއިން ކުރެވޭ މަޝްވަރާތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، އ.ދ.ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ އިޙްތިޞާޞްގެ ދަށުން ކުރެވޭ މަޝްވަރާތަކުގައި ރާއްޖެއިން އަންނަނީ ބައިވެރިވަމުންނެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960