އޮގަނައިޒޭޝަން އޮފް އެފްރިކަން، ކެރިބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ނުވަތަ ކުރީގެ ނަމުން ނަމަ، އެފްރިކަން، ކެރިބިއަން އެންޑް ޕެސިފިކް ގްރޫޕް އޮފް ސްޓޭޓްސް (އޭ.ސީ.ޕީ) އަކީ އެފްރިކާ، ކެރިބިއަން އަދި ޕެސިފިކްގައި ހިމެނޭ ޤައުމުތައް އެކުލެވޭ ޖަމިއްޔާއެކެވެ. މިޖަމިއްޔާ އުފެދިފައިވަނީ 1975ގައި ސޮއި ކުރެވުނު ޖޯޖްޓައުން އެގްރީމަންޓުގެ ދަށުންނެވެ. އަދި މިޖަމިއްޔާގެ މައި މަރުކަޒު ހުންނަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސްލްސްގަ އެވެ. އެޖަމިއްޔާގެ މެމްބަރު ޤައުމުތަކާއެކު އޯ.އޭ.ސީ.ޕީ.އެސް. އިން މަސައްކަތް ކުރަނީ ދެމެހެއްޓެނިވި ތަރައްޤީ ޙާސިލުކުރުމަށާއި މިހާރަށް ވުރެ ބޮޑަށް އިޤްތިޞާދީ ގޮތުން، ޚާއްސަކޮށް ޔޫރަޕިއަން ޔޫނިއަން (ޔޫރަޕުގެ އިއްތިހާދު)އާ އެކު ލާމެހުމަށްޓަކައެވެ.
އޮގަނައިޒޭޝަން އޮފް އެފްރިކަން، ކެރިބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.)ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އަކީ ޖޯޖެސް ރެބެލޯ ޕިންޓޯ ޗިކޮޓީ އެވެ.
ދިވެހިރާއްޖެއިން އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެމްބަރަކަށްވީ 9 ޑިސެމްބަރ 2022ގައެވެ. އެދުވަހުން ފެށިގެން ދިވެހިރާއްޖެއިން އަންނަނީ އޯ.އޭ.ސީ.ޕީ.އެސްގެ ހުރިހާ އެއްބަސްވުންތަކުގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްޓަކައި އެޖަމިއްޔާގެ މެމްބަރުންނާއެކު ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ. އަދި ކޮންމެ އަހަރަކު ދެފަހަރު ބާއްވާ އޯ.އޭ.ސީ.ޕީ.އެސްގެ ކައުންސިލް އޮފް މިނިސްޓަރސް ހިމެނޭހެން، އެޖަމިއްޔާގެ ހުރިހާ ބައްދަލުވުމެއްގައި ވެސް ރާއްޖެއިން އަންނަނީ ބައިވެރިވަމުންނެވެ.