ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިސްރޭލުން ދިން ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ދިވެހިރާއްޖެއިން ކުށްވެރިކުރަމެވެ. މިޙަމަލާގައި ފަލަސްޠީނުގެ އެތައް ސަތޭކަ މައުސޫމް ރައްޔިތުންނެއް ވަނީ ޝަހީދުވެފައެވެ. ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓާތަކާއި ޢާއްމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
ފަލަސްޠީނުގެ ކުށެއް ނެތް ޢާއްމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ރަޙުމެއް ނެތި ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލި ގޮވާލުން ތަކުރާރުކުރަމެވެ. އަދި ޣައްޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ދިވެހިރާއްޖެއިން ގޮވާލަމެވެ.