އިންސާނީ ޙައްޤުތައް

އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމަކީ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ ކަމެކެވެ. އެހެންކަމުން, އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ނިޒާމުގައި ރާއްޖެއިން އަންނަނީ ޙަރަކާތްތެރިކަމާއެކު ބައިވެރިވަމުންނެވެ. މިގޮތުން, އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތައް ތަންފީޒުކޮށް އެމުޢާހަދާތަކުގެ ދަށުން ރިޕޯޓުކުރަންޖެހޭ ކަންކަން ރިޕޯޓުކުރަމުން ދެއެވެ. ދިވެހިރާއްޖެއިން ވަނީ ސްޕެޝަލް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކުރުމަށް އަރުވާފައިވާ ދަޢުވަތު 2019ވަނަ އަހަރު އަލުން އަރުވާފައެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު)

ޔޫ.ޕީ.އާރަކީ ޤައުމުތަކުން އިސްވެ އޮވެ އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ އިޙްތިޞާޞްގެ ދަށުން, ހުރިހައި ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތް ރަނގަޅުކުރުމަށްޓަކައި ޤައުމުތަކުގެ ޙާލަތް ބަލައި އިންސާނީ ޙައްޤަކަށް އަރައިގަނެފައިވާ ޙާލަތެއްގައި އެކަން ޙައްލުކުރާނެ މަގު ފަހިކުރުމަށް އުފައްދާފައިވާ ނިޒާމެކެވެ. ޔޫ.ޕީ.އާރު. ވޯކިން ގްރޫޕުން އަހަރަކު ތިން ފަހަރު ބައްދަލުކުރެއެވެ. 

މިހާތަނަށް ދިވެހިރާއްޖެ ވަނީ ތިން ފަހަރެއްގެ މަތިން ޔޫ.ޕީ.އާރު ހަދާފައެވެ. ރާއްޖޭގެ ހަތަރުވަނަ ރިވިއު އަންނަ ޖުލައި 2025ގައި އޮންނާނެކަމަށް ލަފާކުރެވެއެވެ.

ފުރަތަމަ ބުރު: 3 ނޮވެމްބަރ 2010

ދެވަނަ ބުރު: 6 މެއި 2015

ތިންވަނަ ބުރު: 4 ނޮވެމްބަރ 2020

ދިވެހިރާއްޖޭގެ ޔޫ.ޕީ.އާރު އާއި ރާއްޖެއަށް ކުރުމަށް ލަފާދީފައިވާ ކަންކަމާ ގުޅޭ ތަފްޞީލު މިލިންކުން ފެނިވަޑައިގަންނަވާނެ އެވެ.

ޤައުމީ ފެންވަރުގައި ޔޫ.ޕީ.އާރު އަށް ތައްޔާރުވުމުގެ މަސައްކަތް ކުރަނީ މިނިސްޓްރީތަކުން ހޮވާލެވޭ ކޮމިޓީއަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ އެހީއާއެކު ބަންޑާރަނައިބުގެ އޮފީހުންނެވެ. 

ޓްރީޓީ ބޮޑީ ރިޕޯޓިން (މުޢާހަދާތަކުގެ ދަށުން ހާމަކުރަންޖެހޭ ކަންކަން)

ޓްރީޓީ ބޮޑީ

އިންސާނީ ޙައްޤުތަކާ ބެހޭ ޓްރީޓީ ބޮޑީތަކަކީ އިންސާނީ ޙައްޤުތަކާ ބެހޭ މައި ބައިނަލްއަޤުވާމީ މުޢާހަދާތައް ތަންފީޒުކުރެވޭ މިންވަރު ވަޒަންކުރުމަށްޓަކައި ކަމާބެހޭ މިނިވަން މާހިރުން ހިމަނައިގެން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީތަކެކެވެ. މުޢާހަދާތަކުގައި ސޮއިކޮށްފައިވާ ހުރިހާ ޤައުމަކުން ވެސް އެޤައުމެއްގެ ހުރިހާ ރައްޔިތުންނަށް މުޢާހަދާތަކުގެ ދަށުން ލިބެންޖެހޭ އެންމެހައި ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ 10 ޓްރީޓީ ބޮޑީއެއް ވެއެވެ. ކޮންމެ ޓްރީޓީ ބޮޑީއެއްގައި ޤައުމުތަކުން ހަތަރު އަހަރުގެ ދައުރަކަށް އިންތިޚާބުކޮށްފައިވާ މާހިރުންތަކެއް ހިމެނެއެވެ. މި 10 ޓްރީޓީ ބޮޑީގެ ތެރެއިން 9 ޓްރީޓީ ބޮޑީއަކީ އިންސާނީ ޙައްޤުތަކާ ބެހޭ މައި މުޢާހަދާތަކުގައިވާ ކަންކަމާ އެއްގޮތަށް ޢަމަލު ކުރޭތޯ ބަލާ ކޮމިޓީތަކެވެ. 10ވަނަ ޓްރީޓީ ބޮޑީ - ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަރ - އަކީ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ އޮޕްޝަނަލް ޕްރޮޓޮކޯލްގެ ދަށުން އުފައްދާފައިވާ ޓްރީޓީ ބޮޑީ އެކެވެ.

ރިޕޯޓު ކުރުމުގެ ގައިޑްލައިންތައް

މުޢާހަދާއެއްގައި ބައިވެރިވުމާ އެކު އެމުޢާހަދާގެ ދަށުން ކުރަންޖެހޭ ކަންކަން ކުރެވޭ މިންވަރާ ގުޅޭގޮތުން ޤަވައިދުން ރިޕޯޓުތަކެއް އެކަމާބެހޭ ޓްރީޓީ ބޮޑީއަށް ހުށަހަޅަން ޖެހެއެވެ. މިގޮތަށް ފުރަތަމަ ރިޕޯޓުކުރަން ޖެހޭނީ މުޢާހަދާއަކަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 2 އަހަރު ދުވަހުގެ ތެރޭގައެވެ. އެއަށްފަހު، ކަނޑައެޅޭ ވަކި މުއްދަތުތަކެއްގެ ތެރޭގައި ރިޕޯޓުތައް ފޮނުވަން ޖެހެއެވެ. ޢާއްމުގޮތުެއްގައި ރިޕޯޓުކުރަންޖެހޭ މުއްދަތަކީ ކޮންމެ 5 އަހަރަކުންނެވެ.

ޤައުމުތަކުން ހުށަހަޅާ މަޢުލޫމާތުތަކުގެ އިތުރުން، އެޤައުމެއްގައި އިންސާނީ ޙައްޤުތަކުގެ ޙާލަތު ހުރިނެތް ގޮތާ ގުޅޭ މަޢުލޫމާތު އެޤައުމެއްގެ ޤައުމީ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިންނާއި ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގެ މަދަނީ ޖަމިއްޔާތަކުންނާއި އ.ދ.ގެ އޭޖެންސީތަކުންނާއި އެހެނިހެން ބައިނަލްއަޤުވާމީ ޖަމިއްޔާތަކުންނާއި ޕްރޮފެޝަނަލް އެސޯސިއޭޝަންތަކުންނާއި ޢިލްމީ މުއައްސަސާތަކުން ހޯދޭނެ އެވެ. ގިނަ ކޮމިޓީތަކުން، އެކޮމިޓީތަކުގެ ޕްލީނަރީ ބައްދަލުވުމުގައި މަދަނީ ޖަމިއްޔާތަކާއި އ.ދ.ގެ އޭޖެންސީތަކުގެ އަޑު އެހުމަށް ވަކި ވަޤުތުތަކެއް ޚާއްސަކުރެއެވެ.

ކޮންމެ ކޮމިޓީއަކުން ވެސް ޤައުމުތަކުން ހުށަހަޅާ ރިޕޯޓުތައް ދިރާސާކޮށް އޭގައި އެކުލެވޭ ކަންބޮޑުވާންޖެހޭ ފަދަ ކަންކަމަށް ރިޢާއަތްކޮށް އެކަންކަން އިޞްލާޙުކުރުމަށް ކޮމިޓީގެ ލަފާތައް ކޮންކްލޫޑިން އޮބްޒަވޭޝަންސްގެ ގޮތުގައި ހުށަހަޅައެވެ.

ކޮންމެ ޤައުމަކަށް ވެސް ޙާސިލުކުރެވިފައިވާ ކަންކަމާއި އެޤައުމެއްގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި މިރިޕޯޓިން މެކަނިޒަމްއިން މުހިއްމު ދައުރެއް އަދާކުރެއެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތައް ތަންފީޒުކުރުމާ ގުޅޭ މަޢުލޫމާތާއި ރިޕޯޓު ކުރަންޖެހޭ މުއްދަތުތަކާއި ރާއްޖެއިން ރިޕޯޓުކުރަންޖެހޭ މުއްދަތްތަކާ ގުޅޭ މަޢުލޫމާތު މިލިންކުން ލިބިވަޑައިގަންނަވާނެއެވެ.

ސްޕެޝަލް ޕްރޮސީޖާސް މެންޑޭޓް ހޯލްޑަރސް (ޚާއްސަ މަސައްކަތްތައް ޙަވާލުކުރެވިފައިވާ ފަރާތްތައް)

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ސްޕެޝަލް ޕްރޮސީޖާސް މެންޑޭޓް ހޯލްޑަރުންނަކީ ވަކި ވަކި ފަރުދުން (ސްޕެޝަލް ރެޕަޓުއާ ނުވަތަ އިންޑިޕެންޑެންޓް އެކްސްޕާޓްގެ ނަން ދީފައި) ނުވަތަ އ.ދ.ގައި ޤައުމުތައް ބަހާފައިވާ ފަސް ސަރަހައްދު ކަމަށްވާ: އެފްރިކާ، އޭޝިއާ އެންޑް ދަ ޕެސިފިކް، ލެޓިން އެމެރިކާ އެންޑް ދަ ކެރިބިއަން، އީސްޓަން ޔޫރަޕް އަދި ދަ ވެސްޓަން ގްރޫޕްގެ ޤައުމުތަކުން ކޮންމެ ސަރަހައްދަކުން އެއް މަންދޫބަކު ހިމެނޭ ޖުމުލަ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ވޯކިން ގްރޫޕް ތަކެވެ. މިފަރާތްތަކުގެ މަސްއޫލިއްޔަތަކީ ވަކި މުޟޫއަކަށް ނުވަތަ ވަކި ޤައުމަކަށް ޚާއްސަކޮށްގެން އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ރިޕޯޓުތައް ތައްޔާރުކުރުމާއި ލަފާ ދިނުމެވެ. ސްޕެޝަލް ޕްރޮސީޖަރުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ، މަދަނީ، ޘަޤާފީ، އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ޙައްޤުތައް ހިމެނެއެވެ. މެންޑޭޓް ހޯލްޑަރެއްގެ ދައުރެއްގެ ދިގުމިނަކީ 6 އަހަރު ދުވަހެވެ.

ކުރަންޖެހޭ މަސައްކަތް

  • ޤައުމުތަކަށް ޒިޔާރަތްކުރުން
  • ވަކި ވަކި ފަރުދުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ މައްސަލަތަކާއި ނިޒާމީ ގޮތެއްގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ޤައުމުތަކާ މުޢާމަލާތުކުރުން
  • އެކި މައުޟޫތަކުގެ ދަށުން ދިރާސާތައްކޮށް، މާހިރުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާ، އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ހިފަހައްޓަންޖެހޭ އެންމެ ރަނގަޅު އާދަތައް ކަނޑައެޅުމުގެ މަސައްކަތް
  • ޢާއްމުން ހޭލުންތެރި ކުރުވުމާއި މަޢުލޫމާތު ފޯރުކޮށްދިނުން
  • ފަންނީގޮތުން އެއްބާރުލުންދިނުމާ ގުޅޭ ގޮތުން ލަފާ ދިނުން
  • ކޮންމެ އަހަރަކު އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށް ރިޕޯޓުކުރުމުގެ އިތުރުން، ގިނަ މެންޑޭޓް ހޯލްޑަރުން ކޮންމެ އަހަރަކު އ.ދ.ގެ ޢާއްމު މަޖިލީހަށް ވެސް ރިޕޯޓު ކުރެއެވެ.

އޮކްޓޯބަރު 2022އާ ހަމައަށް 45 މައުޟޫއަކަށާއި 14 ޤައުމާ ގުޅޭ މެންޑޭޓުތައް ވަނީ ހަދާފައެވެ.

2 މެއި 2006ގައި ދިވެހިރާއްޖެއިން ވަނީ ހުރހާ މެންޑޭޓް ހޯލްޑަރުންނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށް ހުޅުވިފައިވާ ދަޢުވަތެއް އަރުވާފައެވެ. މިދަޢުވަތު ދިވެހިރާއްޖެއިން ވަނީ ފެބްރުއަރީ 2019ގައި ތަކުރާރުކޮށްފައެވެ.

މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ ސްޕެޝަލް ޕްރޮސީޖާސް މެންޑޭޓް ހޯލްޑަރުން:

  • ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން - 6-10 އޮގަސްޓް 2006
  • ސްޕެޝަލް ރެޕަޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖަސް - 25 ފެބްރުއަރީ - 1 މާރޗް 2007
  • ސްޕެޝަލް ރެޕަޓުއާ އޮން ހައުސިން - 18-26 ފެބްރުއަރީ 2009
  • ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް އެކްސްޕްރެޝަން - 1-5 މާރޗް 2009
  • ސްޕެޝަލް ރެޕަޓުއާ އޮން އިންޓަރނަލީ ޑިސްޕްލޭސްޑް ޕަރސަންސް - 15-22 ޖުލައި 2011
  • ސްޕެޝަލް ރެޕަޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖަސް - 17-24 ފެބްރުއަރީ 2013
  • ސްޕެޝަލް ރެޕަޓުއާ އިން ދަ ފީލްޑް އޮފް ކަލްޗުރަލް ރައިޓްސް - 9-18 ޖޫން 2019
  • ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޯ ޑިގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް - 17-24 ނޮވެމްބަރ 2019
  • ސްޕެޝަލް ރެޕަޓުއާ އޮފް ދަ ސެކްރެޓަރީ ޖެނެރަލް އޮން ވަޔަލެންސް އަގައިންސްޓް ޗިލްޑްރަން - 1-8 މާރޗް 2020
  • ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން - 29 ނޮވެމްބަރ - 10 ޑިސެމްބަރ 2021
  • ސްޕެޝަލް ރެޕަޓުއާ އޮން ދަ ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން އޮފް ހިއުމަން ރައިޓްސް އެންޑް ފަންޑަމެންޓަލް ފްރީޑަމްސް ވައިލް ކައުންޓަރިން ޓެރަރިޒަމް - 15-24 މެއި 2022
  • ވޯކިން ގްރޫޕް އޮން ޑިސްކްރިމިނޭޝަން އަގައިންސްޓް ވިމެން އެންޑް ގަރލްސް - 11 ސެޕްޓެމްބަރ - 22 ނޮވެމްބަރ 2022

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960