ޚާރިޖީ ސިޔާސަތުގެ ޙިކްމަތްތައް

ފުރަތަމަ އަމާޒު - ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން

ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރެވޭނެ އެންމެ މުހިންމު ވަސީލަތަކީ ރާއްޖެއިން އެހެން ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، ވަކިން ޚާއްސަކޮށް ސަރަޙައްދީ ބާރުތަކާއި ބައިނަލްއަޤްވާމީ ބާރުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމެވެ. ހަމައެއާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ޤައުމީ ސިޔާދަތު ޙިމާޔަތްކުރެވޭނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހަމަޖެހުމާއި އަމާންކަމާއި ބައިނަލްއަޤްވާމީ ނިޒާމު ވަރުގަދަކޮށް ރައްކާތެރިކޮށްގެންކަމުގައި ދިވެހިރާއްޖެއިން ޤަބޫލުކުރެއެވެ.

ސްޓްރެޓެޖީ 1

ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބާރުތަކާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުން

ސްޓްރެޓެޖީ 2

ޓެރަރިޒަމާއި ކަނޑުފޭރުމާއި ނޮން-ޓްރެޑިޝަނަލް ސެކިއުރިޓީ ތްރެޓްތަކާ ކުރިމަތިލުމަށްޓަކައި ދެކުނު އޭޝިޔާއާއި އިންޑިޔާ ކަނޑުގެ ޤައުމުތަކާ ގުޅުން ބަދަހިކުރުން

ސްޓްރެޓެޖީ 3

އ.ދގެ އާންމު މަޖިލީހުގައާއި އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލާއި އ.ދގެ އެހެނިހެން ޖަމްޢިއްޔާތަކުގައި ޙަރަކާތްތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ މައްސަލަތަކަށް ޙައްލު ހުށަހެޅުން

ސްޓްރެޓެޖީ 4

ޤައުމުގެ ޑިޕްލޮމެޓިކް އައުޓްރީޗް ވަރުގަދަކުރުން މުހިންމު ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުގައި ބައިވެރިވެ ޙަރަކާތްތެރިކަން އިތުރުކުރުން

ސްޓްރެޓެޖީ 5

ބައިނަލްއަޤްވާމީ އަމާންކަމާއި ސަލާމަތްކަން ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުން

ސްޓްރެޓެޖީ 6

ބައިނަލްއަޤްވާމީ މަދަނީ ޖަމްޢިއްޔާތަކާއި ބޭރުގެ ޕޮލިސީ ތިންކް ޓޭންކްތަކާ އޮންނަ އެކުވެރިކަން އިތުރުކުރުން

ސްޓްރެޓެޖީ 7

ދެކުނު އޭޝިޔާގެ ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރުން

ސްޓްރެޓެޖީ 8

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހަޅައި އެކަމުގެ ގާބިލްކަން އިތުރުކުރުން

 

 ދެވަނަ އަމާޒު - ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކޮށް ބޭރު ދުނިޔޭގައި އިސްލާމްދީނުގެ ރިވެތި ސިފަތައް

ދިވެހިރާއްޖެ މުސްލިމް ޤައުމެއްގެ ގޮތުގައި އޮންނަތާ އަށް ޤަރުނަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ދިވެހި ޤައުމުގެ ޤައުމިއްޔަތު ގުޅިފައިވަނީ އިސްލާމް ދީނާއެވެ. މިގޮތުން އިސްލާމް ދީނުގެ ރިވެތި ސިފަތަކުގެ ތެރޭގައި ހިމެނޭ އެކަކު އަނެކަކަށް އިޙްތިރާމުކުރުން ފަދަ ސިފަތައް އަށަގެންނެވުމަށާއި ދެމެހެއްޓުމަށްޓަކައި ސަރުކާރުން އިސްކަންދެއެވެ.

ސްޓްރެޓެޖީ 1

އިސްލާމީ ދުނިޔެއާ އޮތް ގުޅުން އިތުރަށް ވަރުގަދަކުރުން

ސްޓްރެޓެޖީ 2

އިސްލާމް ދީނުގެ ރިވެތި ސިފަތަކުގެ ތެރޭގައި ހިމެނޭ އެކަކު އަނެކަކަށް އިހްތިރާމުކުރުން ފަދަ ސިފަތައް ދަމަހައްޓައި ކުރިއެރުވުން

ސްޓްރެޓެޖީ 3

އިސްލާމީ ދުނިޔެއަށް މުހިންމު ކަންކަން ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ އަމަލީ ބައިވެރިވުން އިތުރުކުރުން

 

 

ތިންވަނަ އަމާޒު - ދިވެހިރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުން

އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަކީ ދިވެހިރާއްޖޭގެ ދެމިއޮތުމަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކަށް ވާންވާނީ އިޤްތިޞާދެވެ. އަދި ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް، ޤައުމުގެ މާލީ ޙާލަތު ރަނގަޅުކޮށް ތަރައްޤީ އިތުރުކުރުމެވެ.

ސްޓްރެޓެޖީ 1

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އަމާޒަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، އިންވެސްޓްމަންޓް އިތުރުކޮށް، ދިވެހި އުފެއްދުންތަކަށް އިތުރު ބާޒާރުތައް ހޯދުމުގެ މަސައްކަތަށް ބަދަލު ކުރުވުން

ސްޓްރެޓެޖީ 2

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި އިންވެސްޓްމަންޓް އިތުރުކޮށް ދިވެހި އުފެއްދުންތަކަށް އާ ބާޒާރުތައް ހޯދުމަށް މަގުފަހިވާ އެގްރީމަންޓްތަކުގައި ބައިވެރިވުން

ސްޓްރެޓެޖީ 3

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރު ފިޔަވަޅުތައް އެޅުމަށް ބާރުއެޅުން. މީގެ ތެރޭގައި އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުން ހިމެނޭ

ސްޓްރެޓެޖީ 4

ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ލިބޭނެގޮތް ހަމަޖެއްސުން

ސްޓްރެޓެޖީ 5

ދައުލަތުގެ މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާއަތްތައް ހަރުދަނާކުރުމުގައި ޓެކްނިކަލް ކޯޕަރޭޝަން އިތުރުކުރުން

 

ހަތަރުވަނަ އަމާޒު - ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރުން

ދެކުނު އޭޝިޔާގައި އަމާންކަން ދަމަހައްޓައި ކުރިއެރުވޭނީ މި ސަރަޙައްދުގެ އެއްބާރުލުން އިތުރުކޮށްގެން ކަމުގައި ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރެއެވެ. މިގޮތުން 'ސާކު' އުފެއްދުމުގައި ޙަރަކާތްތެރިވި މެންބަރެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން މަސައްކަތްކުރާނީ ސަރަޙައްދީ އެއްބާރުލުމުގައި ލިބިފައިވާ ކުރިއެރުންތައް ދަމަހައްޓައި، މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އިތުބާރާއި އިޙްތިރާމް އިތުރުކުރުމަށްޓަކައެވެ.

ސްޓްރެޓެޖީ 1

ސާކުގެ ވެރިންގެ ނިންމުންތައް ތަންފީޒުކުރާނެ ނިޒާމުތައް ވަރުގަދަކުރުން

ސްޓްރެޓެޖީ 2

ސާކުގެ ޙަރަކާތްތަކަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުން

ސްޓްރެޓެޖީ 3

ސާކުގެ ގައުމުތަކުގެ މެދުގައި ވިޔަފާރިއާއި، އިންވެސްޓްމަންޓާއި ދަތުރުފަތުރު އިތުރުވާނެ ފަދަ މާޙައުލެއް ޤާއިމްކުރުން

 

 ފަސްވަނަ އަމާޒު - ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުން

ދިވެހިން ރާއްޖެއިން ބޭރަށް ދަތުރު ކުރާ ނިސްބަތް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ޤައުމުން ބޭރަށް ދަތުރުކުރާ އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުން ލިބިދޭ ކޮންސިއުލަރ ޕްރޮޓެކްޝަން ލިބެންޖެހޭނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. އަދި ދިވެހިންނާއި ބޭރު ޤައުމުތަކުގެ މީހުންނާ ދެމެދު މުޢާމަލާތުކުރުމަށް އޮންނަ ފުރުޞަތުތައް އިތުރުކޮށްގެން އެޤައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމާއި އިޙްތިރާމް އިތުރުވެގެންދާނެ ކަމަށްވެސް ސަރުކާރުން ޤަބޫލުކުރެއެވެ.

ސްޓްރެޓެޖީ 1

ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކަށް ވިސާއާ ނުލާ ދަތުރުކުރުމަށްޓަކައި ހުށަހަޅާ އެގްރީމަންޓްތައް ނިންމައި ސޮއިކުރުން

ސްޓްރެޓެޖީ 2

ދިވެހި ރައްޔިތުންނަށް ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޤާބިލްކަން މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި އިތުރުކުރުން

ސްޓްރެޓެޖީ 3

ކޮންސިއުލަރ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން

   

ހަވަނަ އަމާޒު - ޚާރިޖީ ދާއިރާގެ ހިންގުން ކުރިއަރުވައި ހަރުދަނާ ކުރުން

ދިވެހިރާއްޖެއަކީ ޕްރޮފެޝަނަލް ކެރިއަރ ފޮރިން ސަރވިސްއެއް ނޯންނަ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ޕްރޮފެޝަނަލް ކޭޑަރަކާ ނުލާ، ޤާބިލް އަދި ޕްރޮފެޝަނަލް ޑިޕޮލްމެޓުން އުފައްދައި ކަމާގުޅޭ ތަޖުރިބާ ޖަމާކޮށް ހިފެހެއްޓުމުގެ ޤާބިލްކަމެއް ނޯވެއެވެ. މި ކަރުދާހުގައި މިވާ ޚާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށްޓަކައި ޚާރިޖިއްޔާއަކީ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ. ޤާނޫނީ އޮނިގަނޑު އިސްލާޙުކޮށް، މުއައްސަސާގެ ޤާބިލްކަން އިތުރުކޮށް، އިދާރީ ހިންގުމާއި ވިލަރެސްކުރުމާއި ކަންހިނގާ ގޮތް ބަލާ ނިޒާމުތައް ހަރުދަނާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވެއެވެ.

ސްޓްރެޓެޖީ 1

ފޮރިން ސަރވިސް ޤާނޫނު ފާސްކުރުމާއެކު ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް ގާއިމްކުރުން

ސްޓްރެޓެޖީ 2

ފޮރިން ސަރވިސްގެ ޕްރޮފެޝަނަލް މުވައްޒަފުން ބިނާކުރުމަށްޓަކައި ފޮރިން ސަރވިސް އިންސްޓިއުޓެއް ގާއިމްކުރުން

ސްޓްރެޓެޖީ 3

މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ބޭރުގައި ހުންނަ މިޝަންތަކާ ދެމެދު އޮންނަ އިދާރީހިންގުމާއި ވިލަރެސްކުރުމުގެ ނިޒާމުތައް އިތުރަށް ވަރުގަދަކުރުން

ސްޓްރެޓެޖީ 4

ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތަކާ ކުރާ މުޢާމަލާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ގެންދެވޭ ފަދަ ގޮތަކަށް ރޭވުން

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960