ކޮވިޑް-19ގެ ޓެސްޓިންއަށް ބޭނުންކުރާ ބައެއް ރީއެޖެންޓްސް އިންޑިއާއިން އެކްސްޕޯޓްކުރުން މަނާކޮށްފައި އޮތުމަށްފަހު، މިތަކެތި ރާއްޖެއަށް މިހާރު ލިބޭނެ އިންތިޒާމް އެޤައުމުން ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީއިން އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަސައްކަތުން ރާއްޖެއަށް މިވަގުތު ބޭނުންވެ، އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ކުރިން އޯޑަރު ދީފައިވާ ޓެސްޓް ކިޓްތަކާ، ރީއެޖެންޓްސް އަދި ވައިރަލް ޓްރާންސްޕޯޓް މީޑިއަމްތައް މިހާރު ރާއްޖެއަށް އެތެރެކުރުމަށް އިންޑިއާއިން ވަނީ ހުއްދަ ދީފައެވެ.

މިތަކެތި ރާއްޖެއަށް ގެނައުމުގެ ހުއްދަ ލިބުމާ ގުޅިގެން، ރާއްޖެއަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި މީގެ ކުރިންވެސް މިގޮތަށް އިންޑިއާއިން އެކްސްޕޯޓްކުރުން މަނާކޮށްފައިވާ ބައެއް ތަކެތި ރާއްޖެއަށް އެތެރެކުރުމަށް އެޤައުމުން ލުއިތަކެއް ދީފައިވާކަން ފާހަގަކުރަމެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރުގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.