Ref: 2024/PR/86
އޭޕްރިލް މަހުގެ 28 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 'ވަރލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިންގ އޮން ގްލޯބަލް ކޮލަބޮރޭޝަން، ގްރޯތް އެންޑް އެނަރޖީ ފޯރ ޑިވެލޮޕްމަންޓް' ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާގެ ރިޔާދުއަށް މިއަދު ފުރާވަޑައިގެންފިއެވެ.
މި ބައްދަލުވުމުގެ ތެރެއިން ދުނިޔޭގެ އެކި ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވެލް ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ޒަމީރު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިން، ބައިނަލްއަގްވާމީ ޖަމުޢިއްޔާތަކުގެ އިސްވެރިން، ވިޔާފާރީގެ ތަޖުރިބާކާރުންނާ ބައްދަލުވުމުގެ ފުރުސަތު މި ބައްދަލުވުން މެދުވެރިކޮށް ލިބިގެންދާނެއެވެ.
'ވަރލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިންގ އޮން ގްލޯބަލް ކޮލަބޮރޭޝަން، ގްރޯތް އެންޑް އެނަރޖީ ފޯރ ޑިވެލޮޕްމަންޓް' އަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުން އާއި ވަރލްޑް އިކޮނޮމިކް ފޯރަމް އާ ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ 700 އިސް ވެރިންނާއި ތަޖުރިބާ ކާރުން ބައިވެރިވެ ދުނިޔެއަށް ދިމާވެފައިވާ މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.