މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މެލޭޝިޔާގެ ސަރުކާރުން ވަނީ 18 މާރިޗު 2020 އިން 31 މާރިޗު 2020 އަށް "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" ގެ ދަށުން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ.

1) ފަތުރުވެރިންނާއި ބިދޭސީން އެ ޤައުމަށް ވަނުން މަނާކުރުން.

2) މެލޭޝިޔާ ރައްޔިތުން އެ ޤައުމުން ބޭރަށް ދިއުން މަނާކުރުން. އަދި ބޭރު ޤައުމުތަކުގައި އުޅެފައި އެނބުރި މެލޭޝިޔާ އަށްދާ އެ ޤައުމުގެ ރައްޔިތުން ހެލްތު ޗެކްއަކަށް ފަހު 14 ދުވަހަށް ކަރަންޓީން ކުރުން.

3) ދީނީ، ކުޅިވަރު، އިޖްތިމާއީ އަދި ޘަގާފީ ބައްދަލުވުންތައް ހިމެނޭގޮތަށް ހުރިހާ އެއްވުންތައް މަނާކުރުން.

4) ހުކުރު ނަމާދު ހިމެނޭގޮތަށް މިސްކިތްތަކުގައި ބާއްވާ ހުރިހާ ދީނީ ހަރަކާތްތަކާއި ބައްދަލުވުންތައް މަނާކުރުން.

5) ހުރިހާ ސްކޫލްތައް ބަންދުކުރުން.

6) ސުޕަރ މާކެޓް ފަދަ އަސާސީ ތަކެތި ވިއްކާ ތަންތަން ފިޔަވައި ހުރިހާ ވިޔަފާރިތައް ބަންދުކުރުން.

7) އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ކަމަށްވާ ފެން، ކަރަންޓު، ޓެލެކޮމް، ދަތުރުފަތުރު، ހަކަތަ، ބްރޯޑްކާސްޓިންގ، ސެކިއުރިޓީ، ސިއްހަތު، އަދި މާލީ ކަންކަމާ ގުޅޭ އިދާރާތައް، ބޭންކް އަދި ވައިގެ ބަނދަރުތައް ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ވުޒާރާތައް ބަންދުކުރުން.

މެލޭޝިޔާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން މެލޭޝިޔާގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، މެލޭޝިޔާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.