އިންފޮމޭޝަން

މި މިނިސްޓްރީއަށް ލިޔުމުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވެއެވެ.

މި މިނިސްޓްރީގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި ސިއްރުހިފެހެއްޓުމާއި، އެތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން، ލިޔެކިޔުންތައް ގެންގުޅުމުގައި ޑިޖިޓަލް ކޮށް އަދި ފިޒިކަލްކޮށް ބެލެހެއްޓުމަށް، އަމަލުކުރަމުން ދަނީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނާއި، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު، ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދޭ ޤާނޫނު، އަދި ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދާ އެއްގޮތަށެވެ. މިގޮތުން، އޮޑިޓަށް ބޭނުންވާ ހުރިހާލިޔެކިޔުމެއް އޯޑިޓަށް ލިބޭނެގޮތަށް އެލިޔުންތަކުގެ އަސްލު ފައިލްކޮށް، ޑިޖިޓަލް ކޮޕީތައް މިނިސްޓްރީގެ އެކައުންޓިންގެ ސިސްޓަމް (ފާސް) ގައި ރެކޯޑް ކުރެވިފައި ހުންނާނެއެވެ. މީގެ އިތުރުން ދައުލަތުގެ އެކިއެކި އިދާރާތަކަށް މިމިނިސްޓްރީއިން ފޮނުވާ ރަސްމީ ލިޔެކިޔުންތަކާއި މިމިނިސްޓްރީއަށް ލިބޭ ލިޔެކިޔުންތައް ފޮނުވާނީ ޖެމްސް މެދުވެރިކޮށެވެ. މިމިނިސްޓްރީއަށް ޖެމްސް މެދުވެރިކޮށް ލިބޭ ލިޔެކިޔުންތަކާ އަދި ރިސެޕްޝަނާ ޙަވާލުކުރާ ލިޔެކިޔުންތައް، މިނިސްޓްރީއަށް ލިބޭ އެންޓްރީތައް ރެކޯޑްކުރުމަށް އޮންނަ ފޮތުގަ ލިޔެވި ކަމާބެހޭ މުވައްޒަފުނަށް ހަވާލުކުރާނީ ސޮއިކުރުވުމަށްފަހުގައެވެ.

މި އިދާރާއިން ނިންމާ ހުރިހާ ނިންމުންތަކެއްވެސް ބިނާވެފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަސާސް ތަކުގެ މައްޗަށެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަސާސްތައް

ޕޮލިސީ ލެވެލްގައި ނިންމަވާ ނިންމެވުންތައް ކަމާ ގުޅުންހުރި ސެކްޝަން/ޑިޕަރޓްމަންޓް/ފަރާތްތަކަށް ހިއްސާކޮށް، އެފަރާތްތައް މެދުވެރިކޮށް އެ މަސައްކަތުގެ ޓައިމްލައިން ހަދައި، ތަންފީޒުކުރުން. މި ނިންމުންތައް ނިންމަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބަންޑާރަ ނާއިބުގެ އޮފީހުގެ އިތުރުން ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ލާފާ ހޯދަންޖެހޭ ހާލަތުގައި އެ ލަފާ ހޯދުމަށް ފަހުގައިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި އިދާރާއަށް ކަނޑައަޅާފައިވާ ޒިންމާތައް އުފުލުމުގައި މަގުދައްކައިދޭ މައިގަނޑު ވަސީލަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/20) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކެވެ. މި ގަވާއިދުތައް ހުންނާނީ ގެޒެޓްކުރެވިފައެވެ. ހަމަ އެހެންމެ މި މިނިސްޓްރީގައި ގެންގުޅޭ އިދާރީ އުޞޫލުތަކާއި ހަމަތަކާއި ޑިޕްލޮމަސީގެ އުޞޫލުތައްވެސް މިކަމުގައި އިސް ދައުރެއް އަދާކުރެއެވެ.

މިގޮތުން، މިނިސްޓްރީއަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، މިނިސްޓްރީގެ ތެރެއިން އެކިއެކި ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކުގެ މެދުގައި ވިލަރެސްކުރުމާއި އިސްވެރިންގެ ފެންވަރުގައި މަޝްވަރާކުރުމާއި މިނިސްޓްރީގެ ދަށުން ރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލަރ ޕޯސްޓްތަކުން ކުރާ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށް މިނިސްޓްރިއަށް ރިޕޯޓުކުރުމާއި މިނިސްޓްރީގެ ލަފަޔާއި ހުއްދަ ބޭނުންވާ ކަންކަމުގައި، ކަނޑައަޅާފައިވާ އުޞޫލުގެތެރެއިން ލަފަޔާއި ހުއްދަ ހޯދުން ހިމެނެއެވެ. އަދި މިނިސްޓްރީން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދިނުމުގައި އެ ކަމަށް ކަނޑައަޅާފައިވާ އުޞޫލުތަކާއި ހަމަތަކުގެތެރެއިން އެކަންކަން ކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައިވާ މިޝަންތަކާއި ސަރުކާރުގެ އެހެނިހެން ވުޒާރާތަކާ ދެމެދު މުވާސަލާތުކުރުމަށް ހަމަޖެހިފައިވާ ރަސްމީ ވަސީލަތަކީ، ޑިޕްލޮމަސީގެ ހަމަތަކުގެ މަތިން، މި މިނިސްޓްރީކަމުގައިވާނީ ކަނޑައަޅާފައެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ ޤަދަރު އުފުލޭ ގޮތެއްގެމަތިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގުމާއި ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަކީ މި އިދާރާއަށް ކަނޑައަޅާފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތެވެ. މި ކަމާގުޅިގެން ބޭރު ދުނިޔެއާއެކު ކުރެވޭ މުޢާމަލާތުތަކާއި ބައްދަލުވުންތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ފޮރިން ސަރވިސްގެ ޤާނޫނުގެ އިތުރުން ކަމާގުޅުންހުރި ޤާނޫނާއި ގަވާއިދުތަކުގެ އިމުގެތެރެއިން އަދި ޑިޕްލޮމަސީގެ ހަމަތަކާ އެއްގޮތްވާގޮތުގެމަތިން ކުރެވޭ ކަންކަމެވެ.

އަދި ޚާރިޖީ ސިޔާސަތުގެ އަސާސްތަކާއި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެހީތެރިވުމަށްޓަކައި މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކާއި ރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައިވާ މިޝަންތަކުގެ މަސައްކަތްތައް ކުރުމުގައި އެކި ފަރާތްތަކުން ހޯދަންޖެހޭ ލަފަޔާއި ހުއްދަ ހޯދުމާއި އެކި ދަރަޖަތަކުގައި ބަލާ ފާސްކުރުމުގެ އިތުރުން އިސްވެރިންނަށް ރިޕޯޓުކުރުމާއި ގަވާއިދުން ރެކޯޑް ބެލެހެއްޓުމާއި ކަނޑައެޅިފައިވާ މުއްދަތުތަކުގައި މަސައްކަތުގެ ފެންވަރުބެލުން ހިމެނެއެވެ.

މި އިދާރާއަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހަވާލުކުރެވިފައިވާނީ މި މިނިސްޓްރީގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކާއި ޑިވިޜަންތައް އަދި ސެކްޝަންތަކާއި ޔުނިޓްތަކާއެވެ. މީގެ އިތުރުން މި މިނިސްޓްރީގެ ދަށުން ބޭރު ގައުމުތަކުގައި ޤާއިމުކޮށްފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލަރ ޕޯސްޓްތަކާއެވެ. މިގޮތުން ޑިޕާޓްމަންޓްތަކާއި ޑިވިޜަންތައް އަދި ސެކްޝަންތަކާއި ޔުނިޓްތަކުގެ މަސައްކަތްތައް ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޢާންމު ގަވާއިދު (2022/R-129) ގައި ތަފްޞީލުކޮށް ބަޔާންކުރެވިފައިވާނެއެވެ.

މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމަށްފަހު އެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކުރެވެއެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް، އެކަށީގެންވާ ފެންވަރަށް މަސައްކަތް ކުރަންމުންދޭތޯ އެކި ފަންތިތަކުން ބެލެއެވެ. ޑިޕާޓްމަންޓްތަކާއި ޑިވިޜަންތައް އަދި ސެކްޝަންތަކާއި ޔުނިޓްތަކުގެ ވެރިން އެ ފަރާތެއް އިސްވެ ބަލަހައްޓަމުންދާ ޑިވިޜަނެއްގެ މަސައްކަތައް ޒިންމާ ނަގަންޖެހެއެވެ. މަސައްކަތްތައް ހިނގަންވާ ހަލުވުމިނުގައި، އެކަށީގެންވާ ފެންވަރަށް ހިނގަމުންދޭތޯއާއި ކަމާގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތައް ހިނގަމުންދޭތޯ ޑިވިޜަންތަކުގެ އިސްވެރިން ކަށަވަރުކުރަންޖެހެއެވެ.

އެއްވެސް މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސައްކަތަކަށް ޒިންމާ އުފުލުމުގައި އިހުމާލު ވެއްޖެނަމަ ފޮރިން ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު (2022/R-127) ގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކަމަކަށް ކަނޑައަޅާފައިވާ އިޞްލާޙީ ފިޔަވަޅު އެޅޭނެއެވެ. އަދި އެ ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ އިޚްތިޞާޞްގެ ތެރެއިން ހިމެނޭ ބާވަތުގެ މައްސަލަތައް އެ ކޮމިޓީން ބެލުމަށްފަހު، އެކަމަށް އަޅާނޭ ފިޔަވަޅަކާމެދު އެ ކޮމިޓީން ފޮރިން ސެކްރެޓަރީއަށް ލަފާއަރުވާނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/20) ގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑަކީވެސް މި އިދާރާ ޒިންމާދާރު ކުރުމަށް މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ. ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާގުޅޭ އެކި މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓަރަށް ބޭނުންފުޅުވާ ލަފާ ދިނުމާއި ފޮރިން ސަރވިސްގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުތަކުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަންތައްތަކާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި މިނިސްޓަރަށް ލަފާދިނުމަށްޓަކައި އުފައްދާފައިވާ ބޯޑެކެވެ.

މީގެ އިތުރުންވެސް، މި އިދާރާއިން ޒިންމާދާރުކުރުވަން ރޭވިފައިވާ ކަންކަމުގެތެރޭގައި ކޮންމެ އަހަރަކު އެއް ފަހަރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމުތައް ފުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960