ޚަބަރު

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގަތުން

ޗައިނާގެ މެމްބަރ އޮފް ދަ ޕޮލިޓިކަލް ބިއުރޯ އޮފް ދަ ސީ.ޕީ.ސީ ސެންޓްރަލް ކޮމިޓީ، ޑިރެކްޓަރ އޮފް ދަ އޮފީސް އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޮރ ފޮރިން އެފެއާޒް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިސް އެކްސެލެންސީ ވަންގ ޔީ ގެ ދައުވަތަކަށް، މި މަހުގެ 19 ން 24 އަށް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު، މިއަދު ފުރާވަޑައިގެންފިއެވެ

 
މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިޔަށްގެންދިއުމަށްޓަކައި، ދެ ސަރުކާރު ދެމެދު މަޝްވަރާކުރުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ

މިގޮތުން ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީ އާ ބައްދަލުކުރައްވައި، ދެ ޤައުމު ދެމެދު ރަސްމީ މަޝްވަރާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރު ކުރުމާގުޅޭގޮތުން، ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ 

މީގެއިތުރުން، ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ހިއްސާވާ ޗައިނާ ސަރުކާރުގެ މައި ކުންފުނިތަކާ ބައްދަކުރައްވައި، މިހާރު ކުރިޔަށްދާ މަޝްރޫޢުތަކާގުޅޭ އަދާހަމަ ހިއްސާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާއިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެއެވެ

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ފިނޭންސް، ޑރ. އަޙްމަދު ޝަފީގު އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބްގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ 

ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު ސަމާލުވުމަށް އިލްތިމާސްކުރަމެވެ

މިގޮތުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް މިދަނޑިވަޅުގައި ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަމެވެ

އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން މި އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި،  މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުން އެދެމެވެ. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު ތިރީގައި މިވަނީއެވެ

 -ގުޅޭނެ ނަންބަރު

(+) 8801329748885 

(+) 8801708120318

-އީމެއިލް އެޑްރެސް

This email address is being protected from spambots. You need JavaScript enabled to view it.

ތައިލެންޑް އަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

ތައިލެންޑުގެ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 ޖުލައި 2024 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސަވައިފިއެވެ

މިގޮތުން، ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލަންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 (ފަސްދޮޅަސް) ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ

އަދި މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 (ތިރީސް) ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަން ތައިލެންޑަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ

ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސްއެއް ހޯދުމުގެ މުހިއްމުކަމާއި،ރާއްޖެއިން ބޭރުގައި އުޅުއްވާއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް މިފުރުޞަތުގައި އިލްތިމާސްކުރަމެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960