Ref: 2025/PR/289
އ.ދ.ގެ ޢާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގައި ދިވެހިރާއްޖެއާއި އެސްޓޯނިއާ ގުޅިގެން "ޑިޖިޓަލް ޓްރާންސްފޯމޭޝަން ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ގެ ނަމުގައި ސައިޑް އިވެންޓެއް މިއަދު ބާއްވައިފިއެވެ.
މި ސައިޑް އިވެންޓްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ޚަލީލް ވަނީ ތަޤްރީރު ކުރައްވާފައެވެ. މިނިސްޓަރުގެ ތަޤުރީރުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް އެހެން ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ޕްރައިވެޓް ސެކްޓަރަށް މިނިސްޓަރ ޑރ. ޚަލީލް ވަނީ ދަޢުވަތު ދެއްވާފައެވެ. މީގެ އިތުރުން، މޯލްޑިވްސް 2.0 މަގުޗާޓުގެ މަޤްޞަދަކީ ދުނިޔޭގެ "ބެސްޓް ޕްރެކްޓިސަސް" ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ސައިޑް އިވެންޓްގައި މި މަޢުޟޫއާއި ގުޅޭގުތުން ޕެނަލްޑިސްކަޝަންއެއް ވަނީ ކުރިއަށް ގޮސްފައެވެ. މި ޕެނަލް ޑިސްކަޝަން މޮޑަރޭޓް ކޮށްދެއްވީ މިމިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނައީމު އެވެ. އަދި މި ޕެނަލްގައި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ ހެޑް އޮފް ޑިޖިޓަލް ޕާޓްނަރޝިޕްސް އެންޑް އެންގޭޖްމަންޓް ޔޫ ޕިންގ ޗެން، ވޯލްޑް ބޭންކް ގްރޫޕްގެ ގްލޯބަލް ޑިރެކްޓަރ އެންޑް ޑިރެކްޓަރ އޮފް ސްޓްރެޓަގީ އެންޑް އޮޕަރޭޝަންސް، ޑިޖިޓަލް ވައިސް ޕްރެޒިޑަންސީ އައިޑާ ސްވަރެޔީ ރިޑިހޫ، އެސްޓޯނިއާގެ ޑެޕިއުޓީ މިނިސްޓަރ ފޮރ ގްލޯބަލް އެފެއާޒް މީނާ-ލީނާ ލިންޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޯރމޭޝަން ސްޓްރެޓެޖިސްޓް ސިޔާހް ޚަލީލް ބައިވެރިވަޑައިގެންވިއެވެ. މި ޕެނަލް ޑިސްކަޝަންގައި ޑިޖިޓަލް މުސްތަޤްބަލެއް ޤާއިމުކުރުމަށް މަލްޓިލޭޓަރަލް ކޮލަބްރޭޝަންތަކުގެ މުހިންމު ކަމާއި ބެސްޓް ޕްރެކްޓިސްތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް މުސްތަގުބަލެއް ގާއިމުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ސައިޑް އިވެންޓަކީ އ.ދ.ގެ 79 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ތަޞައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ވަކިން ޙާއްސަކޮށް 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކުރަމުންދާ މަސައްކަތަށް ބާރުދިނުމުގެ ގޮތުން ބޭއްވުނު ސައިޑް އިވެންޓެކެވެ. މި ސައިޑް އިވެންޓްގެ މައިގަނޑު މަޤްޞަދަކީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އިޤްތިޞާދު ކުރިއެރުވުމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، 2030 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ޖީ.ޑީ.ޕީގެ 15 އިންސައްތަ ޙިއްޞާ ކުރުމަށް މަގުފަހިކުރުމެވެ.
ނިންމުން