ޚަބަރު

ނޭޕާލްގެ އައު ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ނޭޕާލްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޑޮކްޓަރ އާރުޒޫ ރަނާ ޑުއުބާ ޢައްޔަން ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ

ޚާރިޖީ ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ

‎"ނޭޕާލްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ކަމަނާ ޢައްޔަން ކުރެއްވުމާ ގުޅިގެން ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ 

ދިވެހިރާއްޖެ އާއި ނޭޕާލް އާ ދެޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކައްކުރާނެ ކަމުގެ ޔަޤީންކަން މިފުރުޞަތުގައި އަރުވަމެވެ.  އަދި ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަނާ އާއެކު ގާތުން މަސައްކަތްކުރުމަށް އުއްމީދުކުރާ ވާހަކަވެސް ދަންނަވަމެވެ

‎ކަމަނާއަށް ކާމިޔާބީއާއި ދުޅަހެޔޮ ސިއްހަތަކަށް އެދި ހެޔޮ އެދުން އަރިސްކުރަމެވެ. އަދި ނޭޕާލްގެ އެކުވެރި ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ދެއްވުން އެދެމެވެ

ނިމުނީ

 

ލާއޯސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑެޅުއްވި އައު ސަފީރު ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ލާއޯސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ބައުންމީ ވަންމަނީ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ލާއޯސްގެ އައު ސަފީރަށް އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ލާއޯސްއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއިގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައިވެސް އެކުގައި މަސައްކަތްކުރުމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ

މިނިސްޓަރ ޒަމީރުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ، ބައިލެޓެރަލް، ޑރ ހާލާ ޙަމީދު  އަދި އެޑިޝަނަލް ސެކްރެޓަރީ ފަރުޒާނާ ޒާހިރު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ

ނިމުނީ

ފިންލޭންޑް އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރުގެ އަރިހަށް ފިންލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ކިއްމޯ ލަހްޑެވީރްތާ މިއަދު އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ 

މި ބައްދަލުކުރެއްވުމުގައި ވަޒީރު މޫސާ ޒަމީރު ވަނީ ސަފީރު ލަހްޑެވީރްތާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް މިއަދު ހެނދުނު އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. މީގެއިތުރުން، މިނިސްޓަރ ޒަމީރު ވަނީ ދެ ޤައުމުގެ ދެމެދުގައި ގާއިމުވެފައިވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ޤައުމަށް ފައިދާކުރުވަނި އައު ދާއިރާތަށް އިތުރުކޮށްދެއްވުމަށް ފިންލޭންޑް ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސަފީރު ލަހްޑެވީރްތާ އަށް އަރުވާފައެވެ 

ސަފީރު ލަހްޑެވީރްތާ ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ފިންލޭންޑް އާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ  ޔަޤީންކަން އަރުވާފައެވެ

މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ޙަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމްގެ އިތުރުން ޗީފް ޑެސްކް އޮފިސަރ އާމިނަތު ޝައިސްތާ ހަމްދާން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960