Ref: 2025/PR/292
އ.ދ.ގެ ޢާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި "ޑެކޭޑް އޮފް ޕެރިސް އެގްރީމަންޓް: ދަ މޯލްޑިވްސް ކްލައިމެޓް އެކްޝަން އެންޑް ޕާޓްނަރޝިޕްސް ފޮރ ރެޒިލިއަންސް" ގެ ނަމުގައި ސައިޑް އިވެންޓެއް މިއަދު ބާއްވައިފިއެވެ. މި އިވެންޓުގައި ޕެރިސް އެގްރީމެންޓަށް އަމަލު ކުރަންފެށި ފަހުން ދިވެހިރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ހިއްސާ ކުރުމަށް އެކި ޤައުމުތަކުގެ އިސްވެރިންނާ، ތަރައްގީގެ ބައިވެރިންނާއި، ބައިނަލްއަގުވާމީ ތަޖުރިބާކާރުން ވަނީ ބައިވެރިވެފަ އެވެ.
މި ސައިޑް އިވެންޓް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިޤް އިބްރާހީމް، ފާއިތުވި ދިހަ އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ކްލައިމެޓް ޕޮލިސީ އަށް އައިސްފައިވާ ބަދަލުތަކައް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން މި އަހަރުގެ ފެބްރުއަރީ މަހު ދިވެހިރާއްޖެއިން ތިންވަނަ ނޭޝަނަލް ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ. 3.0) ހުށަހަޅާފައިވާ ކަމާއި މި ހުށަހެޅުމުގައި 2035 ވަނަ އަހަރުގެ ނިޔަލަށް 1.52 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރުމަށް އަމާޒު ކުރާކަމަށް މިނިސްޓަރ ތޯރިޤު ވަނީ ވިދާޅުވެފައެވެ. އަދި ހަކަތައާއި، ދަތުރުފަތުރުގެ އިތުރުން ކުނި މެނޭޖްކުރުން ފަދަ މުހިންމު ދާއިރާތަކުގައި ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ.
އެއަށްފަހު، އެން.ޑީ.ސީ. ޕާޓްނަރޝިޕް ސަޕޯޓް ޔުނިޓްގެ ގްލޯބަލް ޑިރެކްޓަރ، ޑރ. ޕަބްލޯ ވިއެރާ ވަނީ މި އިވެންޓާއި ގުޅިގެން ބޭއްވުނު ޕެނަލް ޑިސްކަޝަން މޮޑަރޭޓް ކޮށްދެއްވާފައެވެ. މި ޕެނަލްގައި ބައިވެރިވެވަޑައިގެންފައިވަނީ ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ފޮރ ގްލޯބަލް އިޝޫޒް، ނަކަމޫރާ ރިޔޯ، އެލް.ޑީ.ސީ.، އެލް.އެލް.ޑީ.ސީ. އަދި ސިޑްސް ގެ އޮފީސް ފޮރ ހައި ރެޕްރެޒެންޓޭޓިވްސް ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އެންޑް ހައި ރެޕްރެޒެންޓޭޓިވް ރަބާބް ފާތިމާ، ޔޫ.އެން.ޑީ.ޕީ. ގެ ރީޖަނަލް ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް އަދި އެސިސްޓަންޓް ސެކްރެޓަރީ-ޖެނެރަލް ކަންނި ވިގްނަރާޖާ، އިޓަލީގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ސެކިއުރިޓީ ގެ ޑިރެކްޓަރ-ޖެނެރަލް އަލެސާންޑްރޯ ގުއެރީ، ގްރީން ކްލައިމެޓް ފަންޑްގެ ޗީފް ސްޓްރެޓަޖީ އެންޑް އިމްޕެކްޓް އޮފިސަރ ޑރ. ޗާލްސް އެހާޓް އަދި ޔުނެޕްގެ ޑިރެކްޓަރ އޮފް އިންޓަރގަވަރމެންޓަލް އެފެއާޒް، ޖަމީލް އަހްމަދުއެވެ. މި ޕެނަލިސްޓުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް އެހީތެރިވެދޭ ގޮތްތަކާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، ފައިނޭންޝަލް އަދި ޓެކްނޮލޮޖީގެ އެހީތެރިކަން ބަދަލުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ސައިޑް އިވެންޓް ނިންމާލުމުގެ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލް ވަނީ ތަޤުރީރުކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ތިންވަނަ ނޭޝަނަލް ޑިޓަރމިންޑް ކޮންޓްރިބިއުޝަން ދަށުން ބޭނުންވާ ފައިސާ ހޯދުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ކެޕޭސިޓީ ބިލްޑިންގއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހެން ޤައުމުތަކުން އެއްބާރުލުން ފޯރުކޮށްދިނުމަށް ގޮވާލިއެވެ.
މި ސައިޑް އިވެންޓަކީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރި ދައުރުގައި ޕެރިސް އެގްރީމެންޓްގެ މަޝްވަރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ނާޒުކު ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދައްކުވައިދިނުމުގެ ގޮތުން ބޭއްވުނު ސައިޑްއިވެންޓްއެކެވެ.