ޚަބަރު

ދެކުނުކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑެޅުއްވި އައު ސަފީރު ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި

 ޖުލައި 8، 2024 - މާލެ

 

ދެކުނުކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު މިޔޮން ލީ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ދެކުނުކޮރެއާގެ އައު ސަފީރަށް އެކަމަނާގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމުން އެކަމަނާއަށް ތަހުނިޔާ ވިދާޅުވިއެވެ

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ދެކުނު ކޮރެއާއާއި ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ދެނެގަނެ، އެދާއިރާތަކުން އިތުރަށް މަސައްކަތްކުރުމަށް މަޝްވަރާ ކުރެއްވިއެވެ. އެގޮތުން، އިގްތިޞާދީ އަދ ފަންނީ ގުޅުން އިތުރަށް ފުޅާކުރެއްވުމުގެ ޝައުގުވެރިކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދިވެހިރާއްޖެއަށާއި ދެކުނުކޮރެއާއަށް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ ޔަޤީންކަންވެސް ދެބޭފުޅުން ދެއްވިއެވެ

މިނިސްޓަރ ޒަމީރުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ، ބައިލެޓެރަލް، ޑރ ހާލާ ޙަމީދު، އެޑިޝަނަލް ސެކްރެޓަރީ ފަރުޒާނާ ޒާހިރު އަދި އެސިސްޓަންޓް ޑިރެކްޓަރ އައިޝަތު ޖުމާނާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ

 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960