Ref: 2026/PR/36
ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ދިވެހި ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.
މިގޮތުން މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ދުންފުހުގެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. އަދި ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވުމުގެ ސަބަބުން އާއްމުންގެ ދިރިއުޅުމަށާއި އިޤްތިޞާދާއި ސިއްހީގޮތުން ނޭދެވޭ އަސަރުތަކެއްކުރުން އެކަށީގެންވެއެވެ.
މިހެންކަމުން، ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭރު ޤައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެތެރޭގައި، ސައިންޓިފިކް ދިރާސާތައް ކުރުމާއި މައުލޫމާތު ބަދަލުކުރުން އަދި ސަރަހައްދީ ގައުމުތަކާއެކު މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހިމެނެއެވެ.
އަދި ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ސަރުކާރުން އަބަދުވެސް އެންމެ މަތީ އިސްކަމެއް ދޭނެކަން ފާހަގަކުރަމެވެ.
ނިމުނީ