ޚަބަރު

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ފަތްކޮޅު އަރުވައިފި

Ref: 2024/PR/112

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު އ.ދ.ގެ ސެކްރެޓަރީ-ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އަށް އަރުއްވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނިއުޔޯކު ގައި ހުންނަ އ.ދ. ގެ މައިމަރުކަޒުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި އެމްބެސެޑަރ ޢަލީ ނަޞީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތުން ސެކްރެޓަރީ-ޖެނެރަލަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި އ.ދ. އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ސެކްރެޓެރީ-ޖެނެރަލަށް އެރުވިއެވެ.

އ.ދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް އެމްބެސެޑަރ ޢަލީ ނަޞީރު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވައިފައިވަނީ 7 މޭ 2024 ގައެވެ. އެމަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމްބެސެޑަރ ޢަލީ ނަޞީރު ހުންނެވީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރ 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމާ ހަމައަށް އެމްބެސެޑަރ ޢަލީ ނަޞީރު ހުންނެވީ އިންތިހާބީ ރައީސްގެ ޓްރާންޒިޝަން ކޮމިޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ބައިގެ އިސްވެރިއެއްގެ ގޮތުގައެވެ.

1985ގެ މޭ މަހުން ފެށިގެން އެމްބެސެޑަރ ޢަލީ ނަޞީރު ވަނީ ޚާރިޖީ ވުޒާރާގެ އެކި މަގާމުތަކުގައި ޚިދުމަތްކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ޑިރެކްޓަރ ޖެނެރަލް ފޯ އެކްސްޓަރނަލް ރިސޯސަސް، ޑިރެކްޓަރ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް، އެޑިޝަނަލް ސެކްރެޓަރީ ފޯ ޕޮލިސީ ޕްލޭނިންގ، ފޮރިން ސެކްރެޓަރީ ، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އ.ދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު (2017-2019)، އަދި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ، މަލްޓިލޭޓަރަލްގެ ގޮތުގައި ޚިދުމަތް ކުރައްވާފައެވެ.

އެމްބެސެޑަރ ޢަލީ ނަޞީރު ވަނީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ލެސްޓާ ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީގެ އިތުރުން އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވާސިޓީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފައިވެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960