ޚަބަރު

ޒެމްބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

 ޖުލައި 8، 2024

ޒެމްބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ހައި ކޮމިޝަނަރ ހިޒް އެކްސަލަންސީ ޕަރސީ ޕެޓްސަން ޗަންދާ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ

މި އިޙުތިރާމުގެ ޒިޔާރަތް ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހައި ކޮމިޝަނަރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުއެވެ

ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ވަނީ ހައި ކޮމިޝަނަރ ޗަންދާއަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއި ޒެމްބިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ވެސް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން މިނިސްޓަރާއި ހައި ކޮމިޝަނަރުވަނީ މަޝްވަރާކުރައްވާފައެވެ

މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއާއި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ޙަމީދާއި ޑިރެކްޓަރ އަޙްމަދު ފަޒީލް އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާޠިމަތު ލަޔާނާ އިޙުސާން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960