Ref: 2024/PR/353
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ 47 ވަނަ ބައްދަލުވުން ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ ގެ އޮފީހުގައި މިއަދު ފަށައިފިއެވެ. ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ސެޝަން، މި ހިނގާ ނޮވެމްބަރ މަހުގެ 4 އިން 15 ގެ ނިޔަލަށް ހިނގަމުންދާނެއެވެ. މި ސެޝަންގައި 14 ޤައުމެއްގައި އިންސާނީ ޙައްޤުތައް ނަގަހައްޓާ މިންވަރު ވަޒަންކުރުމަށްވަނީ ހަމަޖެހިފައެވެ. މި 14 ޤައުމަކީ އަލްބޭނިއާ، ބޫޓާން، ބްރުނާއި ދާރުއްސަލާމް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ، ކޮސްޓަ ރީކާ، ކޮޓް ޑިވުއާ، ޑޮމިނިކާ، އިކުއިޓޯރިއަލް ގިނީ، އިތިއޯޕިއާ، ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ، ނިކަރާގުއާ، ނޯރވޭ، ޕޯޗުގަލް އަދި ޤަތަރެވެ.
ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުގެ 3 ބައްދަލުވުމެއް އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގައި ކޮންމެ އަހަރަކު ބާއްވައެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާރު ކުރިއަށްދާ 4 ވަނަ ޔޫ.ޕީ.އާރު. ސައިކަލް 2027 ވަނަ އަހަރާ ހަމައަށް ކުރިއަށްދާނެއެވެ. ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއަކީ އ.ދ. ގެ މެމްބަރު ޤައުމުތަކުގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ވަޒަންކޮށް ދެނެގަތުމަށް އެ ޖަމުޢިއްޔާއިން ކަނޑައަޅާފައިވާ ނިޒާމެކެވެ. އަދި އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގައި މެމްބަރު ޤައުމުތަކުން ހޯދާފައިވާ ކުރިއެރުން އ.ދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތު، ޔޫ.ޕީ.އާރު. މެދުވެރިކޮށް އެ ޤައުމުތަކަށް ލިބެއެވެ. ޔޫ.ޕީ.އާރު. ގެ ނިޒާމު ޤާއިމުކޮށްފައިވަނީ އިންސާނީ ޙައްޤުތަކާ ބެހޭ އިލްތިޒާމުތައް އުފުލުމުގައި މެންބަރު ޤައުމުތަކުން އިތުރަށް ރަނގަޅުކުރަން ފެންނަ ކަންކަން ހުށަހަޅައި، އެޤައުމުތަކުން ކުރަމުން އަންނަ މަސައްކަތް އަގުވަޒަންކުރެވޭނެ ފަދަ ގޮތަކަށެވެ.
ޔޫ.ޕީ.އާރު. ވަރކިން ގްރޫޕްގެ ބައްދަލުވުންތަކުގައި ކަނޑައެޅިފައިވާ ކޮންމެ ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރުމަށް އެހީތެރިވުމުގެ ގޮތުން އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ތިން މެމްބަރުން "ޓްރޮއިކާ" ގެ ގޮތުގައި ހަރަކާތްތެރިވެއެވެ. އެގޮތުން، މިފަހަރުގެ ބައްދަލުވުމުގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ޤަތަރުގެ ރިވިއުގައި ޓްރޮއިކާ ގެ މެމްބަރުކަން ކުރާނެއެވެ.
ޔޫ.ޕީ.އާރު. ގެ 47 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވާ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މިވަފުދުގައި ކައުންސެލަރ އަލްފާޟިލް އާދަމް ހާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ މަރްޔަމް ފާތިކާ ފަޔާޒް އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދު ހިމެނެއެވެ. މިފަހަރުގެ ޔޫ.ޕީ.އާރު. ބައްދަލުވުމުގައިވެސް ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާޙުތަކެއް ރިވިއު ކުރެވޭ ޤައުމުތަކަށް ހުށަހަޅާނެއެވެ.