ޚަބަރު

ތޫފާން ރާއިގެ ސަބަބުން ފިލިޕީންސްގެ ސޭބޫގައި ހާލުގައިޖެހިފައިތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމުމާގުޅޭ

ތޫފާން ރާއިގެ ސަބަބުން ފިލިޕީންސްގެ ސޭބޫގައި ހާލުގައިޖެހިފައިތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމުމާގުޅޭ

ފިލިޕީންސްގެ ބައެއް ސަރަޙައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރައި" ގެ ސަބަބުން އެ ޤައުމުގެ ސޭބޫ ސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި، މުއާޞަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދަރިވަރުން، އަސާސީ ޚިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށްޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ. ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ޢިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމުގެ މަޢުލޫމާތު ފިލިޕީންސްގެ އެމްބަސީން ދެއްވާފައިވާތީ، މި އެހީ ދިނުމަށް ސަރުކާރުން ނިންމަވާފައިވަނީ 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ.

މިގޮތަށް ނިންމެވުމާ ގުޅިގެން، އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި މިނިސްޓްރީއިން ކަމާގުޅުން ހުރި އިދާރާތަކާއެކު ކުރަމުންގެންދާ ވާހަކަ، ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960