Ref: 2025/PR/170
ތަޖިކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ބޮބޮކަލޮންޒޮދާ ލުކްމޮން، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އެރުވުމުން ތަހުނިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ތަޖިކިސްތާން ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް ޔަގީންކުރައްވާ ކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
އެގޮތުން ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދިވެހިރާއްޖެއަށާއި ތަޖިކިސްތާނަށް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ ޔަޤީންކަންވެސް ދެބޭފުޅުން ދެއްވިއެވެ. ޚާއްޞަގޮތެއްގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ ފަރުޒާނާ ޒާހިރު އަދި އެސިސްޓަންޓް ޑިރެކްޓަރ ޚަދީޖާ ނިޒްވީ ރަޝީދު ބައިވެރިވެވަޑައިގަތެވެ.