ޚަބަރު

ފިލިޕީންސް އިން ދިވެހިރާއްޖެއަށް ކަނޑެޅުއްވި އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި
Featured

ފިލިޕީންސް އިން ދިވެހިރާއްޖެއަށް ކަނޑެޅުއްވި އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި

Ref: 2026/PR/111

ފިލިޕީންސް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ނީނާ ޕަޑީޔަ ކައިންގލެޓް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ފިލިޕިންސްގެ އައު ސަފީރަށް އެކަމަނާގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމުން އެކަމަނާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ފިލިޕީންސްގެ މިންދަނާއުއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެތައްބައެއްގެ ފުރާނަގެއްލި، ޒަހަމްވެ އަދި ބޮޑެތި ގެއްލުން ލިބިފައިވާތީ، ފިލިޕީންސް ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ އާއި ތައުޒަޔާ ވިދާޅުވިއެވެ. އަދި މި ކާރިސާގެ ސަބަބުން އެޤައުމަށް ލިބިފައިވާ ގެއްލުންތަކުން އަވަހަށް އަރައިގަނެވޭނޭކަމުގައި އުންމީދުކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ. 

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ކުރިމަގުގައި މިގުޅުން އިތުރަށް ތަރައްގީކުރުމަށް ދެޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ދެނެގަނެ، އެދާއިރާތަކުން އިތުރަށް މަސައްކަތްކުރުމަށްވެސް މިބައްދަލުކުރެެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. އަދި  ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދިވެހިރާއްޖެއަށާއި ފިލިޕީންސްއަށް ފައިދާހުރި ކަންކަމުގައި އެކުއެކީގައި މަސައްކަތްކުރުމުގެ ޔަޤީންކަންވެސް ދެބޭފުޅުން ދެއްވިއެވެ. 

މި ބައްދަލުވުމުގައި، މިނިސްޓަރ އިރުތިޝާމްގެ އަރިހުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު އާއި އެޑިޝަނަލް ސެކްރެޓަރީ ފަރުޒާނާ ޒާހިރު އަދި ޑިރެކްޓަރ އަޝީރު އަބްދުލްއަޒީޒް ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960