ޖުލައި 8، 2024 - މާލެ
ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ޕައިޓޫން މަހާޕަންނާޕޮން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތައިލެންޑްގެ އައު ސަފީރަށް އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ތައިލެންޑްއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ދެޤައުމުގެ މެދުގައި އޮތް އިގްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއްކުރުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދިވެހިރާއްޖެއަށާއި ތައިލެންޑްއަށް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ ޔަޤީންކަންވެސް ދެބޭފުޅުން ދެއްވިއެވެ
މިނިސްޓަރ ޒަމީރުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ، ބައިލެޓެރަލް، ޑރ ހާލާ ޙަމީދު، އެޑިޝަނަލް ސެކްރެޓަރީ ފަރުޒާނާ ޒާހިރު އަދި އެސިސްޓަންޓް ޑިރެކްޓަރ ޚަދީޖާ ނިޒްވީ ރަޝީދު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ
ނިމުނީ