ޚަބަރު

ސްވިޑިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން މިނިސްޓަރގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

 2 މެއި 2017، މާލެ  

ކިންގްޑަމް އޮފް ސްވިޑަން އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ހެރަލްޑް ސޭންޑްބާގް، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްގެ އަރިހަށް ވަދާޢީ ޒިޔާރަތްކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޑރ. ޢާޞިމް ވަނީ މިސްޓަރ ސޭންޑްބާގްގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ދެމެދު ބޭއްވެވި ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން،

ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މިނިސްޓަރ ޢާޞިމް އާއި ސަފީރު މަޝްވަރާކުރެއްވިއެވެ. މިސްޓަރ ސޭންޑްބާގް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ސްވިޑަންއިން ތާއިދުކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި، ޑިމޮކްރަސީ ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ސްވިޑަން ސަރުކާރުން އެއްބާރުލުން ދޭނެވާހަކަ ވަނީ ވިދާޅުވެފައެވެ.

މިއަހަރަކީ ދިވެހިރާއްޖެއާއި ސްވިޑަންއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 39 އަހަރު ފުރޭ އަހަރެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދެ ގައުމުންވަނީ ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ މުހިއްމު މައްސަލަތަކުގައި ވަނީ އެކު އެކީގައި މަސައްކަތްކުރެވިފައެވެ.  

މިބައްދަލުވުމުގައި، ފޮރިން މިނިސްޓަރގެ އަރިހުގައި ސެކްރެޓަރީ ބައިލެޓްރަލް، އަލްފާޟިލް އަހުމަދު ޚަލީލާއި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960