ޚަބަރު

ސްވިޑެން، ނެދަލެންޑްސް އަދި ޑެންމާކްގައި މުޞްޙަފް އެންދުމާ ގުޅިގެން ބޭއްވި އޯ.އައި.ސީ. ގެ އެގްޒެކެޓިވް ކޮމިޓީގެ އެކްސްޓްރަ އޯރޑިނަރީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ސްވިޑުން، ނެދަލެންޑްސް އަދި ޑެންމާކުގައި މުޞްޙަފް އެންދުމާ ގުޅިގެން އޯ.އައި.ސީ.ގެ ސްޓޭންޑް ފާޅުކުރުމަށްޓަކައި ސައުދި އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ މައި މަރުކަޒުގައި މިއަދު ބޭއްވި އޯ.އައި.ސީ. ގެ އެގްޒެކެޓިވް ކޮމިޓީގެ އެކްސްޓްރަ އޯރޑިނަރީ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އޯ.އައި.ސީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ޚަލީލް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި މުޞްޙަފްއެންދި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކުރައްވައި، އަމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ މަނިކުފާނުގެ ވާހަކަފުޅުގައި މިފަދަ ޢަމަލުތަކަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި އެތައް މިލިއަން މުސްލިމުންގެ ދީނީ އިޚްސާސްތަކަށް ގެއްލުންލިބޭ، ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގެ ސުލްހަމަސަލަސްކަމަށް ހުރަސްއެޅި ނަފުރަތާއި ހަރުކަށި ފިކުރު އިތުރުވުމަށް މަގުފަހިވެގެން ދާނެކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

Tags :

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960