ޚަބަރު

ސިންގަޕޫރަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ "ވެކްސިނޭޓެޑް ޓްރެވަލް ލޭން (ވީ.ޓީ.އެލް)" ގެ އިންތިޒާމުގެ ދަށުން ޓިކެޓް ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ ޤައުމުން ނިންމުމާ ގުޅޭ

ކޮވިޑް19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސިންގަޕޫރަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ "ވެކްސިނޭޓެޑް ޓްރެވަލް ލޭން (ވީ.ޓީ.އެލް)" ގެ އިންތިޒާމުގެ ދަށުން ޓިކެޓް ވިއްކުން، ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 "އޮމިކްރޮން" ވޭރިއެންޓާއި ގުޅިގެން، ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ ޤައުމުން ނިންމުމާ ގުޅޭ

ދުނިޔޭގައި މި ވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން ސިންގަޕޫރުގެ ސަރުކާރުން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަން މި މިނިސްޓްރީއަށް އަންގަވާފައިވެއެވެ.

  1. 22 ޑިސެމްބަރު 2021 ވާ ބުދަ ދުވަހުގެ 23:59 ން ފެށިގެން 20 ޖެނުއަރީ 2020 ގެ 23:59 (ސިންގަޕޫރު ގަޑިން) ގެ ނިޔަލަށް އެ މުއްދަތުގައި ދަތުރުކުރާގޮތަށް ވީ.ޓީ.އެލް އަށް ޚާއްޞަކުރެވިފައިވާ ފްލައިޓުތަކުން ޓިކެޓް ވިއްކުން ހުއްޓާލުން. މި މުއްދަތުގައިވެސް، 21 ޖެނުއަރީ 2022 ގެ ފަހުން ދަތުރުކުރާ ގޮތަށް މި ފްލައިޓުތަކުން ޓިކެޓް ވިއްކުމަށާއި، ނަމަވެސް ވިއްކާ ޓިކެޓުގެ އަދަދު %50 އިންސައްތަ މަދުކުރުން.
  2. 22 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ ސިންގަޕޫރު ގަޑިން 23:59 ގެ ކުރިން ވީ.ޓީ.އެލް ފްލައިޓުތަކުން ޓިކެޓް ނަންގަވާފައިވާ، ވީ.ޓީ.އެލް ގެ ޝަރުޠުތައް ފުރިހަމަ ވާ ފަރާތްތަކަށް ކަރަންޓީނުވުމާ ނުލައި ދަތުރު ކުރެވުން.

މަތީގައިވާ ފިޔަވަޅު ތަކަކީ ވީޓީއެލް އިންތިޒާމު ހުއްޓާލުން ނޫންކަމާއި، "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން މި ފިޔަވަޅުތައް މުރާޖައާކުރައްވަމުން ގެންދަވާނެކަން ސިންގަޕޫރުގެ ސަރުކާރުން އަންގަވާފައިވެއެވެ.

ވީމާ ދިވެހިރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރައްވަން ޓިކެޓް ނަންގަވާ ފައިވާ ފަރާތްތަކާއި އެ ޤައުމަށް ދަތުރުކުރައްވަން ޤަޞްދުކުރާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވައި މި ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް މި މިނިސްޓްރީން އިލްތިމާސް ކުރަމެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960