ޚަބަރު

ޞަރަޙައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޞަރަޙައްދީ ކުރިއެރުމާ އަވަށްޓެރި ޤައުމުތަކުގެ ތަރައްޤީއަށް ރާއްޖޭގެ ފަރާތުން ދޭންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއަން ސްޕޭސް ރިސަރޗް އޮގަނައިޒޭޝަން (އައިއެސްއާރއޯ) އިން މި ޞަރަޙައްދަށް އަމާޒުކޮށް އުފައްދާފައިވާ ޖީސެޓް-9 ކޮމިއުނިކޭޝަންސް ސެޓެލައިޓް އިފްތިތާޙުކޮށްދެއްވުމަށް ލައިވް ވީޑިއޯ

ކޮންފަރެންސް މެދުވެރިކޮށް ސާކްގެ ހަތް ޤައުމުގެ ވެރިން، މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހަވީރު ބޭއްވި ލައިވް ވީޑިއޯ ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚު ހަޞީނާއާއި، ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ޓޮބްގޭއާއި، ނޭޕާލް ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލްއާއި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލައިވް ކޮންފަރެންސްގައި، އިންޑިއާގެ ފަރާތުން މި ޞަރަޙައްދުގެ ޤައުމުތަކަށް މިއަދު މި ތަޢާރަފްކުރެވުނު އަގުހުރި ހަދިޔާއަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވަމުން، އިންޑިއާއިން ގެންގުޅުއްވާ "ނެއިބަރހުޑް ފަސްޓް ޕޮލިސީ" އަށް ތަޢުރީފްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު މި އިފްތިތާޙުކުރެވުނު ސެޓެލައިޓްގެ ސަބަބުން މި ޞަރަޙައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޓެލެކޮމިއުނިކޭޝަން، ޓެލެމެޑިސިން، ޓެލެ-އެޑިއުކޭޝަންފަދަ ދާއިރާތަކަށް އިތުރު ކުރިއެރުން ލިބި، ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރުމުގައި އަދި ކާރިސާއެއް ދިމާވެއްޖެނަމަ އެކަމާ ކުރިމަތިލުމުގައި މި ސެޓެލައިޓުން ގިނަގުނަ ފައިދާ ކުރާނެކަމަށް ޤަބޫލުކުރައްވާކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ އުއްމީދަކީ ދޭދޭ ޤައުމުތަކުގެ ދެމެދުގައިވާ ތަފާތުކުރުންތައް އެއްފަރާތްކޮށް، އެއް ޖަމާޢަތެއްގެގޮތުގައި، މި ޞަރަޙައްދުގެ ހުރިހާ ޤައުމެއްގެ އުއްމީދުތައް ހާސިލުކުރުމަށް މަސައްކަތް ކުރުންކަމުގައި ވިދާޅުވިއެވެ.

"ސައުތު އޭޝިއާ ސެޓެލައިޓް" ގެ ނަމުން ނަން ދެވިފައިވާ ޖީސެޓް-9 ސެޓެލައިޓަކީ އިންޑިއާގެ ފަރާތުން އަވަށްޓެރި ޤައުމުތަކަށް ދެއްވި އަގުހުރި ހަދިޔާއެކެވެ. އޭގެ ސަބަބުން ދެކުނު އޭޝިއާ ޞަރަޙައްދުގެ ޤައުމުތަކުގެ ޓެލެކޮމިއުނިކޭޝަންސް އަދި ބްރޮޑްކާސްޓިންގގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.


ސޯސް: ރައީސް އޮފީސް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960