Ref: 2024/PR/126
ސަމޯއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު، ފިއާމޭ ނައޯމީ މަޓައާފާ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، ކަމަނާ އާއި ސަމޯއާ ސަރުކާރު އަދި އެންމެހާ ރައްޔިތުންނަށް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
މިއަހަރުގެ ފަހުކޮޅު އަޕިއާގައި ބާއްވާ 'ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ' އަށް ތައްޔާރުވަމުންދާއިރު، ދިވެހިރާއްޖެ އާއި ސަމޯއާ އިން ކަންބޮޑުވާ މައްސަލަތަކާއި ދެޤައުމުން އިސްކަންދޭ ކަންކަމަށް މި ބައްދަލުވުމުގެ ތެރެއިން އެދެވޭ ހައްލުތަކެއް ހޯދުމަށް ސަމޯއާ އިން ކެނޑިނޭޅި މަސައްކަތް ކުރާނެކަން އަޅުގަނޑަށް ޔަގީނެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެ އާއި ސަމޯއާގެ ގުޅުން ކުރިއަރާ، އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަންވެސް އަޅުގަނޑަށް އެބައޮތެވެ.
ކަމަނާ އަށް ދުޅަހެޔޮ ސިއްޙަތާއި ސަމޯއާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ.
ނިމުނީ