ޚަބަރު

ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ބޭނުންވާ ހާލަތްތަކުގައި ދުރާލައި ވަގުތު އޮއްވައި ވިސާއަށް އެޕްލައިކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރުން

ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް ފުޅާކޮށް، ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު އަމާޒެކެވެ. އެގޮތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިތުރު 5 ޤައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ޤާއިިމްކުރެވި، މިހާރު ޖުމްލަ 88 ޤައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވެއެވެ. އަދި، އިތުރު 17 ގައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ޤާއިމްކުރުމުގެ މަސައްކަތް މި މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އެ ޤައުމެއްގެ މިޝަނެއް ޤާއިމުކުރެވިފައި ނުވާ ޤައުމުތަކުގެ ވިސާ ހޯދުމުގެ ކަންކަމުގައި މި މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވިސާ ދޫކުރުމަކީ އެ ޤައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ، އަދި އެކަމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ޤައުމަކަށް ލިބިފައިވާ ކަމެކެވެ. މީގެ ތެރޭގައި، ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި، އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުމާއި، އަދި ބައެއް ހާލަތްތަކުގައި ބައޮމެޓްރިކްސް ނެގުމަށާއި އިންޓަވިއުއަށް، ޚުދު ވިސާއަށް އެދޭ ފަރާތް ހާޟިރުވާންޖެހުންވެސް ހިމެނެއެވެ. އެހެންކަމުން، އެކަށީގެންވާ ވަގުތު އޮއްވައި ވިސާއަށް އެދި ހުށައެޅުމާއި، ލިޔެކިޔުންތައް ފުރިހަމަކުރުމާއި، ދުރާލައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ހަމައެއާއެކު، މި މިނިސްޓްރީ މެދުވެރިކޮށް ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓު ފޮނުވަންޖެހޭ ޙާލަތްތަކުގައި، ވިސާ ޕްރޮސެސްކުރުމަށް މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓު ފޮނުވުމާއި އަނބުރާ ގެނައުމަށްވެސް ވަގުތު ހޭދަވާތީ މިކަމަށް ސަމާލުވުމަކީ ވަރަަށް މުހިއްމު ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް ވިސާ ހޯދުމުގައި މި މިނިސްޓްރީގެ އެހީތެރިކަމަށް އެދި ހުށައަޅާއިރު، ވިސާއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް، އަދި ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅާފައި ހުންނަ މުއްދަތަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެޕްލިކޭޝަން ފޮނުވުމާއި، އެޕޮއިންޓްމަންޓް ތާރީޚް އަވަސްކުރުމަށް އެދެމުންދާކަން ފާހަގަކުރެވެއެވެ. މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން، ފުރަން ހަމަޖެހިފައި އޮންނަ ތާރީޚަށް ވިސާ ނުލިބުންފަދަ ޙާލަތްތައް ތަކުރާރުވަމުން ދާކަން ހިތާމައާއެކު ފާހަގަކުރަމެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން، އަދި ވަކިން ޚާއްޞަކޮށް، ޝެންގެން ޤައުމުތައް ހިމެނޭހެން، ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީތައް ގިނަ ޢަދަދަކަށް ހުންނަ ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ހަކަތައިގެ ކާރިޘާއާ ގުޅިގެން، ވިސާ ސެންޓަރުތަކާއި އެމްބަސީތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައި، މަސައްކަތުގެ ގަޑިތައް މަދުކޮށް، އެޕޮއިންޓްމަންޓްތައް ލިމިޓްކޮށްފައިވާކަން ފާހަގަކުރަމެވެ. ވުމާއެކު މި ދަނޑިވަޅުގައި، ރައްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި، ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި، ދުރާލާ އެޕޮއިންޓްމަންޓް ހޯދާ، ވިސާއަށް އެޕްލައި ކުރުމަށް ސަމާލުކަން ދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ހޯދުމުގެ ކަންކަމުގައި މި މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށާއި، އަދި ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960