ޚަބަރު

ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް މެލޭޝިއާގައި ގާއިމްކުރުން

4 މޭ 2017 ، މާލެ،

2016 ވަނައަހަރު މާރިޗްމަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މޭލޭޝިއާއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރާއި އެކު ކުރެވުނު މަޝްވަރާގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށް އެޤައުމުގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ޤާއިމްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި ވެއެވެ. އެހެންކަމުން މި ސެންޓަރ ޤާއިމް ކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ ފުރަތަމަ މަރުހަލާއެއްގެ

ގޮތުން ދެޤައުމުދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކަލްޗަރަލް ކޯޕަރޭޝަން އެއްގައި ސޮއިކުރުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރުދަނީ ކުރަމުންނެވެ. މި އެއްބަސްވުމުގައި ސޮއި ކުރެވޭތާ ތިން މަސްވުމުން، މި އަހަރު ތެރޭގައި މެލޭޝިއާގައި މި ސެންޓަރު ޤާއިމްކުރުމަށް ހުއްދަ ލިބިގެންދާނެއެވެ.

މެލޭޝިއާގެ އިތުރުން، އިންޑިއާގެ ތިރިވެނަންތަޕޫރަމްގައި ދިރިއުޅޭ ދިވެހިންގެ ގުޅުން ބަދަހިކުރުމަށާއި، ދިވެހި ދަރިވަރުންނަށް ދިވެހި ކިޔަވައިދިނުމާއި ޒުވާނުންނަށް ކުޅިވަރުކުޅުމުގެ ވަސީލަތްތަކާއި އެކު އިންޑިއާގައި މިފަދަ ކަލްޗަރަލް ސެންޓަރެއް ޤާއިމްކުރުމަށްޓަކައި އިންޑިއާ ސަރުކާރާއި އެކު މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

މިދެންނެވިފައިވާ ފަދަ ކަލްޗަރަލް ސެންޓަރެއް ސްރީލަންކާގެ ކޮޅުބުގައި މިހާރުވަނީ ޤާއިމް ކުރެވިފައެވެ. އަދި މިތަނުބޭނުން ވަރަށް ފުރިހަމަގޮތުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ގެންދަނީ ކުރަމުންނެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960