ޚަބަރު

ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

21 މެއި 2017، މާލެ 

ރިޕަބްލިކް އޮފް ޕޯލެންޑް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ތޯމަސް ލުކާޒުކް، ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދުގެ އަރިހަށް ވަދާޢީ ޒިޔާރަތްކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީވަނީ މިސްޓަރ ލުކާޒުކްގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ދެމެދު ބޭއްވެވި ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި އެކި ދާއިރާތަކުން، ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންނާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ރޮގުން، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ފޮރިން ސެކްރެޓަރީއާއި އާއި ސަފީރު މަޝްވަރާކުރެއްވިއެވެ.  

މިބައްދަލުވުމުގައި، ފޮރިން ސެކްރެޓަރީގެ އަރިހުގައި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960