ޚަބަރު

އޯ.އައި.ސީ ސްޓެޓިއުޓް ފޮރ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ފޮރިން މިނިސްޓަރ ޝާހިދު ސޮއިކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލް އުތައިމީންއާ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ އެޖަމާޢަތުގެ މައި އިދާރާގައި މިއަދު ބައްދަލުކުރައްވައިފިއެވެ.

ޚާރިޖީ ވަޒީރު ޝާހިދު ސަޢޫދީޢަރަބިއްޔާއަށް ވަޑައިގެންފައި ވަނީ އޯ.އައި.ސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއަދު ބޭއްވެވި ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އޯ.އައި.ސީގެ ހަރަކާތްތަކާއި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އުތައިމީން ވަނީ ދިވެހިރާއްޖެއިން ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ވަނީ މިއަދު އޯ.އައި.ސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގެ ސްޓެޓިއުޓްގައި ސޮއިކުރައްވާފައެވެ. އޯ.އައި.ސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އަކީ އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގައި އަންހެނުން ބާރުވެރިކޮށް، އެކި ކަންކަމުގައި އަންހެނުންގެ ރޯލު އިތުރަށް ފުޅާކުރުމަށް އޯ.އައި.ސީގެ ދަށުން ހިންގާ ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާގެ އުޞޫލުތަކާއި މަޤްޞަދުތަކަށް ރިޢާޔަތްކޮށް، ޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އޯ.އައި.ސީއަކީ ދިވެހިރާއްޖެއިން އެންމެ ހަރަކާތްތެރިކޮށް ބައިވެރިވާ ބައިނަލްއަޤްވާމީ އެއް ޖަމްޢިއްޔާއެވެ. މިއަހަރުގެ މާޗް މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް މިނިސްޓަރސްގެ 46 ވަނަ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައިވާއިރު، މާތްވެގެންވާ މައްކާގައި މިއަހަރުގެ މެއި މަހު ބޭއްވި 14 ވަނަ އިސްލާމިކް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވެވަޑައިގަތެވެ.

އ.ދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްއިއްޔާއަކީ އޯ.އައި.ސީ އެވެ. 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ މިޖަމްޢިއްޔާއަކީ އިސްލާމީ ދުނިޔޭގެ އަޑު އުފުލައިދޭ ޖަމާޢަތެވެ. އެޖަމްއިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ބޭނުންވާ ކަންކަން ޕްރޮމޯޓްކުރުމާއި، ސުލްހަމަސަލަސްކަން ޤާއިމްކުރުން ހިމެނެއެވެ. ދިވެހިރާއްޖެއިން އޯ.އައި.ސީގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނު (ނޣޢވ) ރާއްޖޭގެ ވެރިކަމުގައި ހުންނެވިއިރުއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960