ޚަބަރު

ނޭޕާލްގެ އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

ނޭޕާލްގެ އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2025/PR/164

ނޭޕާލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. ޕޫރްނާ ބަހާދުރު ނޭޕާލީ، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ސަފީރުގެ މި ޒިޔާރަތަކީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މިއަދު ހެނދުނު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތަށްފަހު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެކެވެ. 

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު  ޑރ. ޚަލީލް ވަނީ ރާއްޖެއަށް ހުންނަވާ ނޮން-ރެޒިޑެންޓް  ސަފީރުގެ ގޮތުގައި ޑރ. ނޭޕާލީ ޢައްޔަން ކުރުމުން އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. ސަފީރު ޑރ. ނޭޕާލީ އަކީ ނޭޕާލުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ސަފީރެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުން އިސްކަންދޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އޭގެތެރޭގައި ތިމާވެއްޓާއި މޫސިމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއި، އިޖްތިމާޢީ ތަރައްޤީ އާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
 
މި ބައްދަލުވުމުގައި، ރާއްޖެ އާއި ނޭޕާލް އާ ދެމެދު އޮތް ދުވަސްވީ ރަޚްމަތްތެރި ގުޅުމަށް އަލިއަޅުވާލައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ނޭޕާލް ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ޑރ. ޚަލީލު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގެ ދެމެދުގައި އޮންނަ ބަދަހި ގުޅުމަށް ވެސް އަލިއަޅުވާލެއްވިއެވެ.

ރާއްޖެ އާއި ނޭޕާލާ ދެމެދު އެކިއެކި ދާއިރާއިން މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމަށް ފާއިދާ ވާނެ އެހެނިހެން އިތުރު ދާއިރާތައް ހޯދައި، ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް މިނިސްޓަރ ޑރ. ޚަލީލް އާއި ސަފީރު ޑރ. ނޭޕާލީ އެއްބަސްވެވަޑައިގެންނެވިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގެ އަރިހުގައި ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއްޞަމަދު އާއި ސެކްރެޓަރީ ފާޠިމަތު ޢިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޢަބްދުالله ދީދީ އަދި އެސިސްޓަންޓް ޑިރެކްޓަރ އިބްރާހީމް ނައުޝާދު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960